ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުށަހެޅުއްވި ތިން ނަންފުޅަށް މަޖިލީހުން ރުހުން ދީފި އެވެ.

އެލްޖީއޭ ބޯޑަށް ހުށަހެޅި ނަންތަކަށް ލިބުނު ވޯޓު:

  • ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ އާމިރު އަލީ:މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 49 މެމްބަރަކު ވޯޓު ދެއްވެވި
  • މަދަނީ ޖަމިއްޔާއެއް މެމްބަރެއް ކަމަށްވާ އަހުމަދު ހަސަން:މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 48 މެމްބަރަކު ވޯޓު ދެއްވެވި
  • ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންނާ ރަޝީދު:މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 49 މެމްބަރަކު ވޯޓު ދެއްވެވި

އެލްޖީއޭ ބޯޑަށް މެމްބަރުން އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފައި ވަނީ އެ ބޯޑުގައި ކުރިން ހިމެނޭ ކައުންސިލަރުން ނުހިމަނައި އެ ބޯޑުގެ ބާރުތައް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް އަލުން އެ ބޯޑު އެކުލަވާލުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބަދަލު ގެނެސްފައި ވަނިކޮށެވެ.

އެލްޖީއޭ ބޯޑު ކުރިން އެކުލެވިގެން ވަނީ ނުވަ މެމްބަރުންގެ މައްޗަށެވެ. އެއީ އަތޮޅު ކައުންސިލްތަކުން އިންތިހާބު ކުރާ ހަތަރު މެމްބަރުންނާއި ސިޓީ ކައުންސިލްތަކުން އިންތިހާބު ކުރާ މެމްބަރަކާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން ހޮއްވަވާ މެމްބަރަކާއި މަދަނީ ޖަމީއްޔާތަކުން މަޖިލީހުން ހޮއްވަވާ މެމްބަރެއް ވެސް ކުރިން އެ ބޯޑުގައި ހިމެނެ އެވެ.

ނަމަވެސް މިހާރު އެލްޖީއޭ ބޯޑު އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. އެއީ ރައީސް ޔާމީން ކަނޑައަޅުއްވާ ވަޒީރަކާއި ޖެންޑަ އިކުއަލިޓީ ދާއިރާއިން ތަޖުރިބާ ލިބިފައި ހުރި އަންހެން މެމްބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައި ހުރި މެމްބަރަކާއި އެލްޖީއޭގެ ޗީފް އެގެޒެކެޓިވް އޮފިސަރެވެ.