ތައިލެންޑަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ޑީއާރްޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ. ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވަ އެވެ.

އޭނާގެ ނަން ދިރާސާ ކުރި ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ކާނަލަށް ރުހުން ދިނީ އިންޓަވިއު ކުރުމަކާ ނުލަ އެވެ.

ސަރުކާރާ ބައިއަތު ހިފާފައިވާ ޕާޓީ، ޑީއާރްޕީގެ ލީޑަރު ނަޝީދަކީ ނިމިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފެހި ގާނޫނުއަސާސީ އެކުުލަވާލި ހާއްސަ މަޖިލީހުގައި މާލެ ދާއިރާގެ މެމްބަރުކަން ވެސް އޭނާ ކުރެއްވި އެވެ. މަޖިލީހުގެ ގޮނޑިތައް ކާނަލް ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވައިގެންނެވެ.

ކާނަލް ނަޝީދު ވަނީ 2004 އިން ފެށިގެން 2007 އަށް ދަރުމަވަންތަ ސްކޫލުގައި ޓީޗަރެއްގެ މަގާމު ވެސް ފުރުއްވާފަ އެވެ. އޭގެ ކުރިން އޭނާ އުޅުއްވީ ސިފައިންގޭގަ އެވެ. ސިފައިން ގޭގައި އޭނާ މަސައްކަތް ކުރެއްވީ 1999 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށެވެ.