13 Jun 2017, 13:43
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުން އަނބުރާ ގެންގޮސްފި އެވެ.
އެ ބިލު އަނބުރާ ގެންގޮސްފައި ވަނީ ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ މެދުގައި އެ ބިލާމެދު ހިޔާލުތަފާތުވުން ބޮޑުވެފައިވަނިކޮށެވެ. ސަރުކާރު މެމްބަރުންގެ މެދުގައި އެ ބިލާމެދު ކަންބޮޑުވުން ފާޅުކުރީ މަޝްވަރާ ކުރުމެއް ނެތި ކުއްލި ގޮތަކަށް އެ ބިލު ހުށަހެޅި ކަމަށް ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓަށް އެހުމުގެ މަރުހަލާ ފެށުމަށްފަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިއުލާން ކުރެއްވީ އެ ބިލު ސަރުކާރުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60އަށް ވުރެ ގިނަ މާއްދާ އިސްލާހު ކުރަން ޖެހެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޖިނާއީ ކުށް ތަހުގީގު ކުރުމާއި ޖިނާއީ ކުށްކުށުގެ ދައުވާ އުފުލުމާއި އެފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާން ކުރާ ގާނޫނެކެވެ.
އެ ގާނޫނު މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހު އެވެ. އެ ގާނޫނު ތަސްދީގު ކުރީ މިދިޔަ އަހަރުގެ މައި މަހުގެ ދެ ވަނަ ދުވަހު އެވެ. އެ ގާނޫނަށް އަމަލު ކުރަންޖެހޭ ތާރީހަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 17 ކަމުގައިވިޔަސް، މަޖިލީހުން ފަހުން ވަނީ އެ ތާރީހު އަންނަ މަހުގެ ދެ ވަނަ ދުވަހަށް ބަދަލުކޮށްފަ އެވެ.