13 Jun 2017, 13:19
ވޮޝިންޓަން (ޖޫން 13): ޕެނަމާގެ ކުރީގެ ރައީސް ރިކާޑޯ މާޓިނެލީ އެމެރިކާގައި ހައްޔަރުކޮށްފި ކަމަށް ޔޫއެސް މާޝަލްސް ސާވިސް އިން ބުނެފި އެވެ.
އެ އޭޖެންސީން ބުނި ގޮތުގައި މާޓިނެލީ ހައްޔަރު ކުރީ ފްލޮރިޑާގައި ހުންނަ އޭނާގެ ގެ ކައިރިންނެވެ. އަދި މިއަދު އޭނާ ކޯޓަށް ހާޒިރު ކުރާނެ އެވެ.
ޕެނަމާގައި ފާހަގަކޮށްލެވޭ 150 މީހެއްގެ މައްޗަށް ޖާސޫސު ކުރުމަށް ސަރުކާރުގެ ފައިސާ ބޭނުން ކުރި ކަމުގެ ތުހުމަތުގައި 2015 ވަނަ އަހަރު އެގައުމުގެ ސުޕްރީމް ކޯޓުން ވަނީ މާޓިނެލީ ހައްޔަރު ކުރުމަށް އަމުރެއް ނެރެފަ އެވެ.
އަދި ކޯޓުން އެމައްސަލަ ބަލަން ފެށުމުގެ ކުރިން ގައުމު ދޫކުރައްވާ އެމެރިކާއަށް ވަޑައިގަތް މާޓިނެލީ ޕެނަމާއާ ހަވާލު ކުރަން އެގައުމުން ވަނީ މިދިޔަ އަހަރު އެދިފަ އެވެ.
ދެހާސްނުވަ ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް ޕެނަމާގެ ވެރިކަން ކުރެއްވި މާޓިނެލީ ޖާސޫސު ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ސިޔާސީ ފަރާތްތަކާއި، ވަކީލުންނާއި، ޑޮކްޓަރުންނާއި ވިޔަފާރިވެރިން ހިމެނެ އެވެ.
ނަމަވެސް މާޓިނެލީ ވަނީ އޭނާގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ތުހުމަތުތަކެއް ކަމަށް ބުނެ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. (ބީބީސީ)