ގްރީން ސްޓްރީޓްސްގެ އަތުން މޮޅުވެ ވެލެންސިއާ އިން ދެވަނަ ބުރުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މިހާރު ކުރިއަށްދާ ވެޓެރަންސް ކަޕްގައި ވެލެންސިއާ އިން ގްރީން ސްޓްރީޓް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި މޮޅަށް ކުޅުނު ވެލެންސިއާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ. އަދި އޭނާ ވަނީ އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމްވެސް ހޯދާފަ އެވެ. ވެލެންސިއާގެ ފަހު ލަނޑު އިސްމާއިލް މުހައްމަދު ކާމިޔާބުކުރި އިރު ގްރީން ސްޓްރީޓްގެ ހަމައެކަނި ލަނޑު ކާމިޔަބުކޮށްދިނީ ހަސަން އިސްމާއިލް އެވެ.

ދެވަނަ ބުރުގައި ވެލެންސިއާ އަދި ގްރީންސްޓްރީޓް ގުރޫޕް ބީގައި ހިމެނޭއިރު ގުރޫޕް އޭގައި ހިމެނެނީ މާޒިޔާ، އީގަލްސް އަދި ސިފައިންނެވެ.

ދެވަނަ ބުރަށް ބަލާ އިރު މާޒިޔާ އިން ވަނީ ދިވެހި ސިފައިން 2-0 ބަލިކޮށްފަ އެވެ.

މުބާރާތުގައި މިއަދު ހަވީރު 16:30ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި މާޒިޔާ އެވެ.