13 Jun 2017, 13:47
ގަތަރާ މެދު ގަލްފުގެ ގައުމުތަކުން މައްސަލަ އުފެދިފައިވާ އިރު، ގަތަރާ އޮތް ގުޅުން ކަނޑާލުމަށް ސޮމާލިއާއަށް 80 މިލިޔަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް މެދުއިރުމަތީގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
މަޝްހޫރު އަރަބި ނޫސްވެރިޔާ ޖާބިރު އަލް ހަރީމީއާ ހަވާލައިދީ، ސައުދީ އަރަބިއްޔާގެ "ނިއު ޚަލީޖް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން، ސޮމާލިއާ އިން ގަތަރާ ގުޅުން ކަނޑާލުމަށް ބާރު އަޅައި، އަރަބި ބާރުތަކުން ވަނީ އެގައުމަށް 80 މިލިޔަން ޑޮލަރު ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް ސޮމާލިއާގެ ރައީސް މުހައްމަދު އަބްދުﷲ "ފަރްމާޖޯ" މުހައްމަދު އެ ހުށަހެޅުން ގަބޫލުފުޅު ނުކުރެއްވި އެވެ.
ގާތްގަނޑަކަށް 99.8 ޕަސަންޓު މުސްލިމް އާބާދީއެއް އޮންނަ ސޮމާލިއާގެ ސަރުކާރުން ނިންމާފައި ވަނީ އަރަބި ގައުމުތަކުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުމުގެ ތެރެއަށް ނުވަނުމަށެވެ.
އާދީއްތަ ދުވަހު ސޮމާލިއާގެ "ސޮމާލިއާ ޓުޑޭ" ނޫހުން، އެގައުމުގެ ޑިޕްލޮމެޓަކާ ހަވާލައިދީ ރިޕޯޓުކޮށްފައިވާ ގޮތުން، ސައުދީ އަރަބިއްޔާ އިން ދަނީ ގަތަރާ ދެމެދު ހަރުކަށިވުމަށް ބާރުއެޅުމަށް ސޮމާލިއާއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުންނެވެ.
އަދި މި މައްސަލާގައި ސޮމާލިއާގެ ސްޓޭންޑު ބަދަލުނުކޮށްފި ނަމަ އެގައުމަށް ސައުދީއިން ފޯރުކޮށްދެމުން އަންނަ މާލީ އެހީތައް ކަނޑާލާނެ ކަމުގެ އިންޒާރު ވެސް ދީފައިވާކަން، "ސޮމާލިއާ ޓުޑޭ"އަށް މައުލޫމާތު ދިން މަސްދަރުތަކުން ޔަގީންކޮށްދީފައިވެ އެވެ.
ގަތަރާ ގުޅުން ކަނޑާލާފައިވާ ގައުމުތަކަކީ ސައުދީ، ބަހުރައިން، މިސްރު، ދިވެހިރާއްޖެ، ޔޫއޭއީ، މޮރިޓޭރިއާ، ކޮމޮރޯސް އަދި ޔަމަނެވެ. މީގެ އިތުރުން އިރުމަތީ ލީބިޔާއާއި ސޮމާލީލޭންޑުން ވެސް ވަނީ ގުޅުން ކަނޑާލައިފަ އެވެ. އަދި އުރުދުން، ނިޖޭރ، ސެނެގޯލް، ޗާޑު، ޖިބޫޓީ އަދި އެރިޓްރިއާ އިން ވަނީ ގަތަރާ އެކު އޮތް ގުޅުން ދަށްކޮށްފަ އެވެ.