13 Jun 2017, 12:28
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމާ ޚިލާފަށް ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ހަތަރު ކުންފުންޏަކަށް ދިން ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ހައްޖަށް މީހުން ގެންދާ ކުންފުންޏެއް ކަމުގައިވާ އޭކްރޯ ޕްރައިވެޓް ލިމިޓެޑުންނެވެ.
ހައްޖަށް މީހުން ގެންދިޔުމަށް އެންމެ ފުރަތަމަ ހަވާލުކުރީ ބިޑުކޮށްގެންނެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ހުށަހެޅި މައްސަލަ ބެލުމަށްފަހު އޭސީސީން އަންގާފައި ވަނީ އަލުން ބިޑްކުރުމަށްފަހު ހައްޖަށް ގެންދިޔުމުގެ ހުއްދަ ދޭނެ ބަޔަކު ކަނޑައެޅުމަށެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހައްޖަށް މީހުން ގެންދިޔުމަށް ކުންފުނިތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރިއިރު، ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރިއިރު ބޭނުންކޮށްފައި ވަނީ ފްރީ ބިޑް މީޓިންގައި ދީފައިވާ މިންގަނޑާ ތަފާތު މިންގަނޑެއްކަން ލިޔުންތަކުން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ހުށަހެޅި ޕްރޮޕޯސަލްތަކަށް ޕޮއިންޓުދީފައި ވަނީ ހަމަހަމަ އުސޫލަކުން ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ހައްޖު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މިންގަނޑަކީ ފްރީ ބިޑް މީޓިންގައި ދީފައިވާ މައުލޫމާތުތަކާ ޚިލާފަށް ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ޑިސްކޮލިވެފައިވާ ނުވަ ފަރާތުގެ ތެރެއިން ހަ ފަރާތެއް ޑިސްކޮށްލިފައި ކޮށްފައި ވަނީ ރަނގަޅަށް ނޫން ކަން ބިޑް ފޮތުގައިވާ މައުލޫމާތަށް ބެލުމުން އެނގޭ ކަމަށެވެ.
އެ ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓްކުރާއިރު، އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން އިވެލުއޭޝަން ކޮމެޓީގައި ނުހިމެނުމަށް އޭސީސީން ވަނީ އަންގާފައެވެ.
ފްރީ ބިޑް މީޓިންގައި ދީފައިވާ މައުލުމާތާ އެއްގޮތަށް ބިޑްތައް އިވެލުއޭޓް ކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ އިސްލާމިކް މިނިސްޓްރީއަށް އަންގާފައެވެ.