13 Jun 2017, 12:19
އެކުވެރި އަރަބި އިމާރާތާއި ތައިލެންޑް ވޯލްޑްކަޕް ކޮލިފައިންގައި ކުޅޭ މެޗުގައި ގަތަރުގެ ރެފްރީން ބޭނުން ކުރަން ބޭނުން ނޫންކަމަށް ބުނެ ޔޫއޭ އީން ފުޓްބޯޅައިގެ މައި އިދާރާ "ފީފާ" އަށް ހުށައެޅި، ހުށައެޅުމަށް އެ އިދާރާ އިން އެއްބަސްވެއްޖެ އެވެ.
މިއަދު ހަވީރު ކުޅެން ހަމަޖެހިފައިވާ އެ މެޗަށް ކުރިން ހަމަޖައްސާފައި އޮތީ ގަތަރަށް ނިސްބަތްވާ ހަތަރު ރެފްރީންނެވެ.
މިހާރު ގަލްފް ސަރަހައްދުގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން ގަތަރާ ގުޅުން ކަނޑާލި ގައުމު ތަކުގެ ތެރޭގައި ޔޫއޭއީ ވެސް ހިމެނެ އެވެ.
ޔޫއޭއީގެ ފުޓްބޯޅަ އިދާރާ އިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ގަތަރުގެ ރެފްރީން އެ މެޗުގައި ބޭނުން ނުކުރުމަށް ފީފާގެ ކިބައިން އެދިފައިވާ އެދުމަށް "ފީފާ"އިން އެއްބަސްވެފައިވާ ކަަމަށެވެ.
ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކުޅުމަށް ހަމަޖެހިފައިވާ އެ މެޗަށް ކުރިން ހަމަޖައްސާފައިވާ ގަތަރުގެ ހަތަރު ރެފްރީންނަކީ ފަހުދު، ޔޫސުފް އަލްޝާމަރީ، ޖުމާ ބުރުޝިދު އަދި ސައުދް އަލްޒަބާ އެވެ.
ފީފާ އިން އެ މެޗަށް ކުރިން ހަމަޖައްސާފައި ތިބި ގަތަރުގެ ރެފްރީން ބަދަލު ކުރި ކަމަށް ޔޫއޭއީގެ ފުޓްބޯޅަ އިދާރާ އިން ބުނި ނަމަވެސް މިއަދުގެ މެޗުގައި ދެން ރެފްރީކަން ކުރާނީ ކޮން ގައުމަކަށް ނިސްބަތްވާ ރެފްރީން ކަމެއް ބުނެފައެއްނުވެ އެވެ.