މޮސްކޯ (ޖޫން 13): ރަޝިއާގައި އެއްވުންތައް ބޭއްވުމާ ބެހޭ ގާނޫނުތަކާ ތަކުރާރުކޮށް ހިލާފުވުމާ ގުޅިގެން އެގައުމުގެ ސަރުކާރާ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އެއް މަހަށް ޖަލަށް ހުކުމްކޮށްފި އެވެ.

އިއްޔެ ނަވަލްނީ ހައްޔަރު ކުރީ ރަސްމީ ހުއްދައަކާ ނުލައި މޮސްކޯގައި ބާއްވާ އެއްވުމަކަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. އަދި އެމައްސަލައާ ގުޅިގެން މޮސްކޯގެ ކޯޓަކުން ވަނީ އޭނާގެ މައްޗަށް 30 ދުވަހުގެ ޖަލު ހުކުމެއް ކޮށްފަ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ނަވަލްނީ ވަނީ އޭނާގެ މައްޗަށް ޖަލު ހުކުމް ކުރިކަން ޓުވިޓާ މެދުވެރިކޮށް ޔަގީންކޮށްދީފަ އެވެ.

އިންޓަފެކްސް ނޫސް އޭޖެންސީން ފުލުހުންނާ ހަވާލާދީ ބުނި ގޮތުގައި، ރަޝިއާގެ އިސް ފަރާތްތަކުގެ ކޮރަޕްޝަނާ ދެކޮޅަށް މޮސްކޯގައި އިއްޔެ ބޭއްވި މުޒާހަރާގައި 5،000 މީހުން ބައިވެރިވި އެވެ. އޭގެ ތެރެއިން 825 މީހުން ހައްޔަރު ކުރި ކަމަށް މިނިވަން ޖަމްއިއްޔާއެއް ކަމަށްވާ އޯވީޑީ އިންފޯ އިން ބުންޏެވެ.

ރަޝިއާގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި ސެއިންޓް ޕީޓާސްބާގްގައި ވެސް އެފަދަ މުޒާހަރާއެއް ބާއްވާފައިވެ އެވެ. އެ މުޒާހަރާގައި 3،500 މީހުން ބައިވެރިވި ކަމަށާއި އޭގެ ތެރެއިން 500 މީހުން ހައްޔަރު ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ. (ބީބީސީ)