ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަމިއްލަ ގެކޮޅު، މއ. ކިނބިގަސްދަށުގެއަކީ އަމިއްލަ މީހެއްގެ ބިމެއް ކަމުގައިވިޔަސް އެ ބިން މާލޭ ސިޓީ ކައުންސިލަށް ނަގަން ނިންމާފައިވާތީ މާލޭ ސިޓީ ކައުންސިލްގައި ހިމެނޭ އެމްޑީޕީ މެންބަރުންގެ މައްސަލަ ތަހުގީގު ކޮށް ފިޔަވަޅު އެޅުމަށް ލޭބާ ޕާޓީން އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށާއި ހިއުމަންރައީޓްސް ކޮމިޝަން )އެޗްއާރްސީއެމް(އަށް ހުށަހަޅައިފި އެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ލީޑްކުރައްވާ ލޭބާ ޕާޓީން މިއަދު ޕީޖީ އަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް ފޮނުވި ސިޓީގައި ބުނަނީ މާލޭ ސިޓީ ކައުންސިލުން އިއްޔެ ނިންމި ނިންމުމަކީ ގާނޫނު އަސާސީއާއި ހިލާފަށް އަދި ލޯކަލް ގަވަރުމެންޓް އޮތޯރިޓީގެ ގާނޫނީ ބާރުތަކާވެސް ހިލާފަށް ހިންގި އަމަލެއްކަމަށާއި "އެ ޖަރީމާ" ހިންގުމުގައި ބައިވެރިވާ ފަރާތްތަށް ހާޒިރުކޮށް ތަހުގީގު ހިންގާ ފިޔަވަޅު އަޅައި ދިނުމަށެވެ.

"...އާންމު ރައްޔިތުންގެ ގޮވަތި ގެދޮރާއި މުދާ ފޭރުމާ ބިރުދެއްކުމުގެ މި ޖަރީމާ ހިންގުމުގައި ބައިވެރިވާ ފަރާތްތައް މަނިކުފާނުގެ އޮފީހަށް ކުރިމައްޗަށް ހާޒިރުކޮށްދެއްވައި އެފަރާތްތައް ތަހުގީގުކޮށްދެއްވައި ގާނޫނީ ފިޔަވަޅު އަޅައިދެއްވުން އެދެމެވެ،" ދާދިފަހުން އެމްޑީޕީ ކޯލިޝަނުން ވަކިވި ލޭބާ ޕާޓީގެ އެ ސީޓީގައި ވެ އެވެ.

ސަން އަށް ވެސް ކޮޕީ ލިބިފައިވާ ތިން ސޮފްހާގެ އެ ސިޓީގައި މާލޭ ސިޓީ ކައުންސިލްގެ ނިންމުން ސިފަ ކުރަމުން ބުނެފައިވަނީ އެ ނިންމުމަކީ "ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ގޮވަތި ގެދޮރާއި މުދަލާއި ވިޔަފާރިތައް ފޭރިގަތުމަށް މާލޭ ސިޓީ ކައުންސިލުން ފެއްޓި ހަރަކާތެއް" ކަމަށެވެ.

އަދި ސިޓީ ކައުންސިލްގެ އެ ނިންމުމުގެ ސަބަބުން ކައުންސިލްތަކުގެ މީހުންގެ ގޯއްޗާއި މުދާތަށް ނެގުމަށް ގަރާރުތަށް ފާސްކުރަން ފަށާފާނެ ކަމަށާއި އެ ނިންމުމުގެ ސަބަބުން ރައްޔިތުންގެ މެދުގަޔާއި ދައުލަތުގެ މެދުގައި ކޯޅުން ފެށިދާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

"...ރާއްޖޭގައި ލާމަރުކަޒީ އުސޫލުން އުފެދިފައިވާ މިބާވަތުގެ ކޮންމެ ކައުންސިލެއްގެ އަޣުލަބިއްޔަތުން އޮންނަ ޕާޓީގެ މެންބަރުންކޮޅު މަގުމަތީގައި ކުނާ އަޅައިގެން ނުވަތަ ރަށުގެ ފުއްޓަރު ފަރާތު ރާޅުޖަހައި ސަރަހައްދުގައި އެއްވެލައި ތިބެގެން އެ ސަރަހައްދުގައި ހުރި އެކި ބިންތަކާއި ރަށްތައް އެކައުންސިލަކަށް ނެގުމަށް ފުލުފުލުން ގަރާރު ފާސްކުރުމުގެ އޮއިވަރެއް ގައުމުގައި ހިނގަން ފަށައިފިނަމަ އެކަކަށްވެސް އެމީހެއްގެ ގެދޮރާއި މުދަލާ ވިޔަފާރި އިންވެސްޓްމަންޓް ތަކާއި މެދު ޔަގީންކަމެއް ނޯންނާނެ އެވެ." އެ ސިޓީގައި ވެ އެވެ.

އިއްޔެ ހެނދުނު އެމްޑީޕީން މަޖިލިސް ދަށުގައި ކުރި މުޒާހަރާތަކުގެ ތެރެއިން މެދުޒިޔާރަތް މަގުގެ ޓްރެފިކް ލައިޓް ކައިރީ ރަތް ދޫލައަޅައިގެން ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މައުމޫންގެ ގެކޮޅު ކިނބިގަސްދަށުގެއަށް ބަދަލު ދިނުމަށް ފަހު އެގެ ސިޓީ ކައުންސިލަށް ނަގަންވަނީ ހާޒިރުވި އަށް މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފަ އެވެ.