13 Jun 2017, 11:23
ޕެނަމާ ސިޓީ (ޖޫން 13): ޗައިނާގެ ރުހުން ހޯދުމަށް ޓަކައި ޕެނަމާއިން ޓައިވާނާ އެކު އޮތް ގިނަ އަހަރުވީ ހާރިޖީ ގުޅުން ކަނޑާލައިފި އެވެ.
ޕެނަމާ ސަރުކާރުން ވަނީ އެގައުމުން 'އެއް ޗައިނާ' ސިޔާސަތަށް ތާއިދު ކުރާ ކަމަށާއި ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށް ގަބޫލު ކުރާ ކަމަށް ބުނެފަ އެވެ.
ޗައިނާއިން ދެކޭ ގޮތުގައި އަމިއްލަ ވެރިކަމެއް އުފައްދާފައިވާ ޓައިވާނަކީ ގަދަ ބާރު ބޭނުންކޮށްގެން ވެސް ޗައިނާގެ ދަށަށް ގެންނަން ޖެހޭ ޗައިނާގެ ޖަޒީރާއެކެވެ. އަދި މިހާރު ޓައިވާނަކީ ވަކި ގައުމެއް ކަމަށް ދެކެ އެގައުމާ ހާރިޖީ ގުޅުންތައް ދަމަހައްޓަމުން ދަނީ އެންމެ 20 ގައުމުންނެވެ.
ޕެނަމާ އިން އެ ގައުމުގެ ހާރިޖީ ގުޅުންތަކަށް ބަދަލު ގެނައި ސަބަބު ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް ފަހުގެ އަހަރުތަކުގައި ޗައިނާ އާއި ޕެނަމާއާ މެދުގައި ވަނީ އިގުތިސާދީ ގުޅުންތައް އިތުރުކޮށްފަ އެވެ.

ޓައިވާނުގެ އާ ލީޑަރު ސައި އިންގް ވެން (ވ)ގެ ފުރަތަމަ ހާރިޖީ ދަތުރުފުޅުގައި ޕެނެމާގެ ރައިސާ ބައްދަލުކުރައްވަނީ -- ފޮޓޯ: އޭއެފްޕީ
އެގޮތުން ޗައިނާ އިން ދަނީ ޕެނަމާގައި ބަނދަރުތައް އަޅައި، އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑާ ގުޅުވައިދޭ ޕެނަމާ ކެނަލްގެ ވަށައިގެންވާ ބިން ތަރައްގީ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ޕެނަމާގެ އެ ނިންމުމާ ގުޅިގެން ޗައިނާއިން ވަނީ އެގައުމުގެ ނިންމުމަށް ޗައިނާ ސަރުކާރުންނާއި އެގައުމުގެ ރައްޔިތުން މަރުހަބާ ކިޔާ ކަމަށް ބުނެފަ އެވެ.
ނަމަވެސް ޓައިވާނުގެ ފޮރިން މިނިސްޓްރީން ވަނީ ޕެނަމާގެ ނިންމުމާ ގުޅިގެން ހިތާމަ ފާޅު ކުރާ ކަމަށް ބުނެފަ އެވެ. އަދި އެއީ ޕެނަމާ އިން 'ބުލީ ކުރުން' ކަމަށާއި ދެ ގައުމުގެ މެދުގައި އެތައް އަހަރުވަންދެން އޮތް ގުޅުންތައް ހަނދާން ނައްތާލުން ކަމަށް ބުނެފަ އެވެ.
ޓައިވާނުގެ އާ ލީޑަރު ސައި އިންގް ވެން ވެރިކަމަށް ވަޑައިގެންނެވި ފަހުން އެކަމަނާގެ އެންމެ ފުރަތަމަ ހާރިޖީ ދަތުރުފުޅުގައި ވަޑައިގެންނެވީ ޕެނަމާ އަށެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. (ބީބީސީ)