13 Jun 2017, 10:17
ކެންޔާ އަށް ނިސްބަތްވާ އާއިޝާ އުޅެ ބޮޑުވީ އިޓަލީގަ އެވެ. ފްލައިޓް އެޓެންޑަންޓެއްގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރަން ފެށުމާ އެކު އޭނާގެ ދިރިއުޅުން ބަދަލުވީ އެވެ. މިއީ އޭނާ އިސްލާމްވި ގޮތުގެ ވާހަކަ އެވެ.
އެއާލައިން އަކުން ވަޒީފާ ލިބުމުން އާއިޝާ އޭނާގެ ދިރިއުޅުން ބަދަލު ކުރީ އޮސްޓްރޭލިއާ އަށެވެ. ދިރިއުޅުން ވަރަށް ހަލަބޮލިވި އެވެ. ދުނިޔަވީ ކަންކަމުގައި އާއިޝާގެ ވަގުތުތައް ދިޔައި ބޭކާރު ކުރަމުންނެވެ. އޭނާ ވެގެން ދިޔައީ ހޮލީވުޑްގެ އަޅަކަށެވެ. ހޮލީވުޑް އެކްޓަރުންގެ ލައިފްސްޓައިލް ނަކަލު ކުރަން ފެށި އެވެ. އެމީހުންގެ ހެދުން ތަކުން ފެށިގެން ދިރިއުޅުން ވެސް މެ އެވެ.
ދިރިއުޅުމުގެ މަގްސަދެއް ވާކަން ވެސް އޭރު އޭނާ އަކަށް ނޭނގެ އެވެ. އާއިޝާ އަށް އޭރު ދުނިޔެ އަކީ ބޭނުން ގޮތަކަށް އުޅެލާފައި މަރުވެގެން ދާން އޮތް ތަނެކެވެ. އެހެން ދިރިއުޅެމުން ގޮސް މަސްތުވާތަކެއްޗާއި ބަނގުރަލުގެ ޝިކާރައަކަށް އާއިޝާ ވެގެން ދިޔަ އެވެ. މަސްތުގައި ޖެހި އޭނާ ގެއްލުނީ އެވެ. މެންޓަލް އިންސްޓިޓިއުޝަނެއްގައި ފަރުވާ ކުރާ ވަރަށް އާއިޝާ ގޯސްވެގެން ދިޔަ އެވެ.
އިސްލާމްދީނަށް ޝައުގުވެރިވީ ޕުރޮގްރާމެއް ފެނި
އިސްލާމް ދީން އޭނާ އާއި ބައްދަލު ކުރީ އެ އަނދިރި ވަގުތުގަ އެވެ. އެއީ އާއިޝާގެ ހަޔާތުގައި ވެސް އައި އެންމެ ބަނަ ދުވަސްތަކެވެ. އިސްލާމް ދީނަށް އާއިޝާ ޝައުގުވެރިކަން އުފެދުނީ މަލްކޮމް އެކްސް އާ ގުޅޭ ގޮތުން ދެއްކި ޕްރޮގްރާމެއް ފެނިގެންނެވެ.
ކީރިތި ޤުރްއާނަކީ ﷲގެ ބަސްފުޅު ކަމާއި، މުހައްމަދުގެ ފާނަކީ އެންމެ ފަހުގެ ނަބިއްޔާ ކަން އެނގުމާ އެކު އާއިޝާ އަށް އެހެން ކަހަލަ އިޙްސާސެއް ކުރެވުނެވެ. އިސްލާމް ދީނާ މެދު ވިސްނައި، ދީން އުނގެނުމަށް އޭނާ އަށް މަޖުބޫރު ކުރުވި ކަހަލަ އެވެ.
އެތައް ވަގުތެއް ހޭދަކޮށް ކީރިތި ޤުރްއާން ކިޔެވުމަށް ފަހު، އިސްލާމް ދީނަކީ ޙައްޤު ދީންކަން އާއިޝާ އަށް ކަށަވަރު ވެގެން ދިޔަ އެވެ. އަދި އެއްވެސް ދެބަސްވުމެއް ނެތި އޭނާ އިސްލާމްވި އެވެ.
ކީރިތި ޤުރްއާނާއި ރަސޫލާގެ ސިއަރަތު ކިޔަން ފެށުމުން އޭނާ އަށް ދިރިއުޅުމުގެ މަގުސަދެއް ލިބިގެން ދިޔަ އެވެ. މާތް ރަސްކަލާނގެ އަދި މާތް ނަބިއްޔާގެ ރުއްސެވުން ލިބޭ ފަދަ ގޮތަކަށް އޭނާގެ އަމަލުތައް ބައްޓަން ކުރުމެވެ.
އާއިޝާ މިހާރު މަސައްކަތް ކުރަމުން އަންނަނީ އިސްލާމް ދީނުގެ މައުލޫމާތު މީހުންނަށް ފޯރު ކޮށްދީ، އިސްލާމް ދީން ފެތުރުމުގެ މަސައްކަތެވެ.
-ނިއުމޭން2015-