މާފިއާ ޑޮން، އަރުން ގައުލީގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު 'ޑެޑީ' ރިލީޒް ކުރާނެ ތާރީޚު ކަނޑައަޅައިފި އެވެ.

އާޝިމް އަހްލުވާލިއާ ލިޔެ ޑައިރެކްޓުކޮށްފައިވާ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ ބޮލީވުޑް އެކްޓަރު އަރްޖުން ރާމްޕާލް އެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިހާރު ދައްކާލާފައި ވާއިރު، ފިލްމު ރިލީޒް ކުރުމަށް ހަމަޖައްސާފައި ވަނީ އަންނަ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ.

އެއީ ޕޮލިތިކަލް ކްރައިމް ޑްރާމާ ފިލްމެކެވެ. އެ ފިލްމުގައި އަރްޖުންގެ އިތުރުން ފަރްހާން އަޚްތަރު އަދި އައިޝްވާރްޔާ ރާޖޭޝް ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.

ގައުލީ އަކީ އިންޑިއާގެ އެންމެ ނުރައްކާތެރި ގޭންގްސްޓަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެއް ބަޔަކު އޭނާ އަކީ ގޭންގްސްޓާރެއްގެ ގޮތުގައި ލޭބަލް ކުރި ނަމަވެސް، އޭނާ ނިސްބަތްވާ ހިސާބުގެ މީހުންނަށް އޭނާ އަކީ ބައްޕަ، 'ޑެޑީ' އެވެ. އޭނާ އަކީ ސިޔާސީ ލީޑަރެކެވެ.

އެ ފިލްމު ގެނެސްދީފައި ވަނީ ވެސް އެކި މީހުން ގައުލީ ސިފަކޮށްފައިވާ ގޮތަށެވެ.