14 Jul 2011, 16:12
ޑީއާރްޕީގެ އަހަރީ ދުވަހު ޕާޓީގެ އެތެރޭގެ ހިޔާލުތަފާތުވުންތައް ނައްތާލައި އެކަތިގަނޑަކަށްވެ، 2013 ގެ ރިޔާސީ އިންތިހާބު ޕާޓީ އަށް ކާމިޔާބުކުރުމަށް މެންބަރުން މަސައްކަތް ކޮށްދިނުން ޑީއާރްޕީން ގޮވާލައިފި އެވެ. ޑީއާރްޕީގެ އަހަރީ ދުވަހަކީ ޖުލައި21 ވަނަ ދުވަހެވެ.
ޑީއާރްޕީގެ އޮފީހުގައި މިއަދު ނޫސްވެރިން މައުލޫމާތު ދެއްވަމުން ޕާޓީގެ ޑިޕިއުޓީ ލީޑަރު އަހުމަދު މުހައްމަދު )އަންޑޭ( ވިދާޅުވީ ޕާޓީގެ ފަސް ވަނަ އަހަރީ ދުވަހުން ފަށައިގެން މިމަހުގެ 21 ވަނަ ދުވަހު ފާހަގަ ކުރާ ހަ ވަނަ އަހަރީ ދުވަހާ ހަމައަށް ޕާޓީ ކުރިއަށް ދިޔައީ ބޮޑެތި ގޮންޖެހުންތަކާއެކު ހައިޖާނުގަނޑެއްގެ ތެރޭގައި ކަމަށެވެ. އަދި ޕާޓީގެ އަހަރީ ދުވަހާ ގުޅުވައިގެން ކަނޑައަޅަންވީ އަޒުމަކީ ޕާޓީގެ އެތެރޭގައި ހިނގަމުންދާ މައްސަލަތައް ހައްލުކޮށް، އަންނަން އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުން، ކަމަށް ވެސް އަންޑޭ ވިދާޅުވި އެވެ.
ޑީއާރުޕީގެ އަހަރީ ދުވަސް ފާހަގަ ކުރަން މިފަހަރު ހަމަޖައްސާފައި ވަނީ ށ. ފުނަދޫގަ އެވެ. މިދިޔަ އަހަރު އަހަރީ ދުވަސް ފާހަގަ ކުރީ ކ. ތުލުސްދޫގަ އެވެ.
އަހަރީ ދުވަހާ ގުޅިގެން ޑީއާރްޕީން ފާހަގަކުރާ ހަރަކާތްތަކުގައި ޒެޑް ފެކްޝަނަށް ދައުވަތު ދީފައިވާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޑިޕިއުޓީ ލީޑަރު އަންޑޭ ވިދާޅުވީ އެ ޕާޓީ އަކީ ހުޅުވިފައިވާ ޕާޓީއެއް ކަމަށާއި އަހަރީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ މެމްބަރުންނާއި ހެޔޮ އެދޭ ފަރާތްތަކަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ.
ޑީއާރްޕީގެ އަހަރީ ޖަލްސާތައް އަތޮޅުތެރޭގައި ބޭއްވުމަށް ޕާޓީގެ ކައުންސިލުން ނިންމާފައިވަނިކޮށް، ޕާޓީގެ ހަވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިމަހުގެ 21 ވަނަ ދުވަހު މާލޭގައި ހާއްސަ ޖަލްސާއެއް ބާއްވަން ހަމަޖައްސައި، ޒެޑް ފެކްޝަނުން ވެސް ވަނީ އިއުލާނެއް ނެރެފަ އެވެ.
ޒެޑް ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވައި ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިލްހާމް އަހްމަދު ސޮއިކުރައްވައި ނެރެފައިވާ އިއުލާނެއްގައި ބުނަނީ، މިމަހުގެ 21 ވާ ބުރާސްފަތި ދުވަހަކީ އެ ޕާޓީއަށް ހަ އަހަރު ފުރޭ ދުވަސް ކަމަށްވާތީ އެ ރޭ އާޓިފިޝަލް ބީޗުގައި ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.