13 Jun 2017, 21:25
އާސެނަލްގެ ކުރީގެ ކެޕްޓަން ސެސް ފަބްރިގާސް އެ ކްލަބަށް އަލުން ގެނައުމަށް އާސެނަލްގެ ފޭނުން، ކޯޗު އާސެން ވެންގާއަށް ގޮވާލައިފިއެވެ.
ބާސެލޯނާއަށް 2011 ވަނަ އަހަރު ބަދަލުވުމުގެ ކުރީން އާސެނަލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ، ފަބްރިގާސް ވަނީ ނިމިދިޔަ ސީޒަންގައި ޗެލްސީގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފައެވެ.
ނަމަވެސް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ، އޭނާ އަންނަ ސީޒަނަށް އެކުލަވައިލާ ޕްލޭންގައި ފަބްރިގާސް ނުހިމަނާކަން އަންގައިފައެވެ.
ބާސާއިން ޗެލްސީއަށް ފަބްރިގާސް ބަދަލުވުމާ ގުޅިގެން އާސެނަލްގެ ފޭނުންގެ ހިތުގައި އޭނާއާ މެދު ވަރަށް ބޮޑު ނަފްރަތަކާއި ރުޅިވެރިކަމެއް އުފެދިގެން ދިޔަނަމަވެސް، މިހާރު އެ ޓީމުގެ ސަޕޯޓަރުން ގޮވާލަމުން ދަނީ ސެސް އެނބުރި އެ ކްލަބާ ގުޅުމަށެވެ.

އަންނަ ސީޒަނަށް ކޮންޓޭ އެކުލަވައިލާ ޕްލޭންގައި ސެސް ފަބްރިގާސް ނުހިމެނޭ-- ފޮޓޯ: ރޮއިޓަސް
ސޯޝަލް މީޑިއާގައި އާސެނަލްގެ ބައެއް ފޭނުން ބުނެފައިވާ ގޮތުގައި، ފަބްރިގާސް އެ ކްލަބަށް އަނބުރާ ގެނައުމަކީ އުނދަގޫ އަދި އަގުބޮޑު މަސައްކަތަކަށް ވީނަމަވެސް، އެއީ މިވަގުތަށް ވަރަށް މުހިއްމު މަސައްކަތަކަށް ވެގެންދާނެވެ.
"ކޮންޓޭ މިހާރު ފަބްރިގާސް ބޭނުމެއް ނޫން. ކަމޯން އާސެނަލް. އަހަރެމެންގެ ދަރި އަނބުރާ ގެނޭ،" އާސެނަލްގެ ސަޕޯޓަރަކު އޭނާގެ ޓްވިޓަރގައި ލިޔެފައިވެއެވެ.
"އަހަރެން ބޭނުން ފަބްރިގާސް އަނބުރާ އާސެނަލާ ގުޅެން. އޭނާ ދެކެ އަދިވެސް ލޯބިވޭ." އިތުރު ފޭނަކު ލިޔެފައިވެއެވެ.
މި ދެދުވަހުގެ ތެރޭގައި، ފަބްރިގާސް އަނބުރާ ގެނައުމަށް އެދި އާސެނަލްގެ ފޭނުންދަނީ ސޯޝަލް މީޑިއާއާއި އެނޫންވެސް ވަސީލަތްތައް މެދުވެރިކޮށް ކްލަބުގެ މެނޭޖްމަންޓަށް ގޮވައިލަމުންނެވެ.