13 Jun 2017, 10:10
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަކީ، ޔުވެންޓަސްގެ ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދާނޭ އެންމެ ފަހު ސީޒަންކަމުގައި އޭނާ ބުނެފި އެވެ.
އުމުރުން މިހާރު 39 އަހަރުގެ ތަޖްރިބާކާރު އިޓަލީ ގޯލްކީޕަރު ބުނީ، އަންނަ އަހަރު ރަޝިއާގައި ކުޅޭ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނޭ ކަމަށާއި އަދި އެއަށް ފަހު ކްލަބު ފުޓްބޯޅައިން ވެސް ރިޓާޔާކުރާނޭ ކަމަށެވެ.
"އެއީ އަހަންނަށް 99.9 އިންސައްތަ ޔަގީންކަމެއް،" ސްކައި ސްޕޯޓް 24 އަށް ބުފޮން ބުންޏެވެ.
"އަހަރެން މިހާރު މިދަނީ އެންމެ ފަހުގެ ސީޒަނަށް ތައްޔާރުވަމުން. މުހިއްމު ދަނޑިވަޅަކަށް. ދެން އެއަށް ފަހު އޮންނާނީ މިހާރު ދެން ވާވަރުވެއްޖެއޭ ބުނުން."

އިޓަލީ އިން 2006 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބް ކުރި އިރު ބުފޮން ޓްރޮފީ ހިފައިގެން --- ފޮޓޯ: އިޓާލިއަން ފުޓްބޯލް ޑެއިލީ
ބުފޮން ބުނީ، ޔުވެންޓަސްއަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވުނު ނަމަ، އޭނާއަށް އެ ކްލަބުގެ ޕްރެޒިޑެންޓް އެންޑްރޭ އެގްނެއްލީ އިތުރު ސީޒަނެއް ކުޅެން ފުރުސަތު ދޭގޮތަށް ނިންމާފައިއޮތް ކަމަށެވެ. ދެން އެއަށް ފަހު އޭނާގެ ވިސްނުން ހުރީ، ވޯލްޑް ކަޕް ކާމިޔާބުކޮށް އަދި ކެރިއަރު ނިންމާލުމުގެ ކުރީން އިތުރު ޓްރޮފީތައް ވެސް ކާމިޔާބުކުރަން ކަމަށެވެ.
ބުފޮން އޭނާގެ ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށީ 1995 ވަނަ އަހަރު ޕަރްމާއިންނެވެ. އެއަށް ފަހު 2001 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުމުގެ ކުރީން އޭނާ ވަނީ ޕާމާއަށް 168 މެޗު ކުޅެފަ އެވެ.
ޔުވެންޓަސްއަށް ބޮފޮން ކުޅުނު މެޗުގެ އަދަދު 500 އާ ގާތްކުރާއިރު އޭނާއަކީ އިޓަލީ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 1997ގައި ގައުމީ ޓީމަށް ކުޅެންފެށި ފަހުން ޖުމުލަ 169 މެޗު ކުޅެފަ އެވެ.
ބުފޮން ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އިޓާލިއަން ލީގު 8 ފަހަރު، އިޓާލިއަން ކަޕް ހަތަރު ފަހަރު، ޔޫއެފާ ކަޕް އެއް ފަހަރު އަދި ވޯލްޑް ކަޕެއް ކާމިޔާބުކޮށްފަ އެވެ.