މާދަމާ ހަވީރު ބޫޓާނާއި ދެކޮޅަށް ރާއްޖެ ކުޅޭ މެޗުން މޮޅުވާން ގަދައަޅާ މަސައްކަތް ކުރުމަށާއި އޭޝިއަން ކަޕަށް ކޮލިފައި ވުމަކީ މުހިއްމު ކަމެއްކަމަށް ޔޫތް މިނިސްޓަރު އިރްތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު މެންދުރު ޔޫތް މިނިސްޓްރީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓާ ވިދާޅުވީ ރާއްޖެ މާދަމާ ބޫޓާނާއި ދެކޮޅާށް ނުކުންނައިރު ހުރިހާ ދިވެހިން ތިބީ ގައުމީ ޓީމާއި އެކު ކަމަށާއި އުންމީދަކީ ފަހުރުވެރި ކާމިޔަބީއެއް ހޯދުން ކަމަށެވެ. އެކަމަނާ ވިދާޅުވީ ގައުމީ ޓީމް މިފަހަރުގެ އޭޝިއަން ކަޕަށް ކޮލިފައި ވުން މުހިއްމު ކަމަށާއި އެކަމަށް ގަދައަޅާ މަސައްކަތް ކުރެއްވުމަށް ޓީމުގެ ފަރާތުން އެދިވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓާ އިތުރަށް ވިދާޅުވީ މޯލްޑިވްސް ފުޓްބޯޅަ އެސޯސިއޭޝަނާއި ގައުމީ ޓީމުގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާ ހުރިހާ ފަރާތްތަކުންވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެހުރިހާ ފަރާތްތަކަށްވެސް ޝުކުރުއަދާކުރައްވާ ކަމަށެވެ.

އޭޝިއަން ކަޕަށް ކޮލިފައިވުމަށް ގައުމީ ޓީމަށްކޮށްދެންޖެހޭ ހުރިހާ ކަމެއް ކޮށްދިނުމަށް މިނިސްޓްރީން އެފްއޭއެމް އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މިނިސްޓާ އިރްތިޝާމް ވިދާޅުވިއެވެ.

ބޫޓާނާއި ރާއްޖެ ކުޅޭ މެޗު އޮންނާނީ މާދަމާ ހަވީރު 17:00 ގައި ބޫޓާންގެ ތިމްޕޫ ސްޓޭޑިއަމްގައެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަމިއްލަ ދަނޑުގައި ފަލަސްތީނާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ ބަލިވެފައެވެ. ރާއްޖެ އެމެޗުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.