އަށްވަނަ އިންޑިއަން އޯޝަން ގޭމްސްގައި ދިވެހިރާއްޖޭއިން ބައިވެރިވާ ޓޭބަލް ޓެނިސް ޓީމް ޢިއުލާންކޮށްފި އެވެ.

ހަތް ކުޅުންތެރިންނާއި އޮފިޝަލަކު ހިމެނޭ މި ޓީމްގައި ހިމެނެނީ ވިލާ ކޮލެޖުގައި ގްރޭޑް 11 ގައި ތަޢުލީމް ހާސިލް ކުރަމުންގެންދާ އައިމިނަތު ޝިއުރާ ޝަރީފް އާއި ސްޓޭޓް ބޭންކް އޮފް އިންޑިޔާ ގައި ވަޒީފާ އަދާކުރަމުން ގެންދާ ފާތިމަތު ޖުމާނާ ނިމާލް އާއި ފޯކަސް އެޑިއުކޭޝަން ސެންޓަރުގެ އައިޝަތު ނިޝާ އަދި މުއީނާ މުޙައްމަދު އެވެ.

ފިރިހެން ޓީމް ގައި ހިމެނެނީ ބޭންކް އޮފް މޯލްޑިވްސް ގައި ވަޒީފާ އަދާކުރާ މޫސާ މުންސިފް އަހުމަދު އާއި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތް އެންޑް ސްޕޯޓްސްގެ ތަމޫޙު އަޙުމަދު ސައީދު އަދި ކުރީގެ ޓީޓީ ގެ ރަންވަނަތަކެއް ހާސިލް ކޮށްފައިވާ އަދި ޒުވާނުންގެ ޤައުމީ އެވޯޑް ހޯދައިފައިވާ އިބްރާހިމް ޝިއުރީއެވެ.

ޓީމް ކޯޗަކީ މިހާރު ޤައުމީ ޓީމަށް ކޯޗުކޮށްދެމުން ގެންދާ ސްވިޑަންގެ ނިކްލަސް ވަލްޑަންސްޓަމްއެވެ.

ފިރިހެން ޓީމް މި މުބާރާތުގައި ބައިވެރިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އެހީތެރިކަމާއިއެކު އަދި އެކުޅުންތެރިންގެ އަމިއްލަޔަށް ޙަރަދުކޮށްގެންނެވެ. އަދި މީގެ އިތުރުން ފިރިހެން ކުޅުންތެރިން ބައިވެރި ކުރުމުގައި ދީލަތި އެހީ ދެއްވާފައިވަނީ ރާއްޖޭގެ ކުޅިވަރުގެ މޭސްތެރި އަދި ކުޅިވަރުގެ ބާނީ އެއްކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ އަދި ބައިނަލް އަޤްވާމީ ޝަރަފްވެރި އެތައް މަޤާމެއް އަދާކުރެއްވި ކުރީގެ އޮލިމްޕިކް ކޮމިޓީގެ ޕްރެސިޑެންޓް އަދި މިހާރުގެ އޮލިމްޕިކް ކޮމިޓީ ގެ ހޮނަރަރީ ޕްރެސިޑެންޓް ކަމުގެ މަޤާމް ގައި ހުންނެވި މުޙައްމަދު ޒާހިރު ނަސީރު އެވެ.