12 Jun 2017, 14:52
ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު ނުވައަކުން 11 އަށް ބަދަލު ކުރަން ދިވެހި ރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.
މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ އެ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެ އިސްލާހު މަޖިލީހަށް ބަލައިގަންނަން ވޯޓުގައި ބައިވެރިވި 34 މެމްބަރުންގެ އިއްތިފާގުންނެވެ.
ކޯޓުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގައި މިހާރު ބުނެފައި ވަނީ ހައިކޯޓަށް އައްޔަން ކުރެވޭނީ އެ ކޯޓުގެ އިސް ފަނޑިޔާރާ އެކު ޖުމްލަ ނުވަ ފަނޑިޔާރުން ކަމަށެވެ.
ފަލާހު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ކޯޓުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގައި ބުނާ ނުވަ ފަނޑިޔާރުންގެ އަދަދު 11 އަށް ބަދަލު ކުރުމަށެވެ.
އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ފަލާހު ވިދާޅުވީ ހައިކޯޓުގެ އުތުރާއި ދެނުކުގައި ގާއިމްކޮށްފައިވާ ގޮފިތަކަށް ފަނޑިޔާރުންގެ ދަތިކަން ހުރުމުން ކަމަށެވެ.
ހައި ކޯޓުގައި ތިބި ނުވަ ފަނޑިޔާރުންގެ ތެރެއިން ހައިކޯޓުގެ ދެކުނު ގޮތްޕަށް ވަނީ ތިން ފަނޑިޔާރަކު އައްޔަން ކުރައްވާފަ އެވެ. އޭގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ފަނޑިޔާރު ކަމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އަދި ހައިކޯޓު ފަނޑިޔާރު ކަމުގައި ހުންނެވި ފަނޑިޔާރު އައްބާސް ޝަރީފް ރިޓަޔަ ކުރެއްވުމާ ގުޅިގެން މިހާރު ހައިކޯޓުގައި ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ.