13 Jun 2017, 10:27
އެޒުވާން އަންހެން ކުއްޖާ ވަޒީފާ އަދާ ކުރަމުންދަނީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގަ އެވެ. ކޮންމެ ދުވަހެއްގެ ބޮޑުބައި މަސައްކަތުގައި ހޭދަކުރަމުންދިޔަ 21 އަހަރުގެ އެޒުވާނާ މިއަދު މަސައްކަތް މަތިން ފޫހިވެއްޖެ އެވެ. ޖޯޝާއި ފޯރީގައި ކުރަމުންދިޔަ މަސައްކަތްތަކަށް ހުއްޓުން އައިސްފި އެވެ. އުންމީދުތަކަކާ އެކު މަސައްކަތް ކުރި އެޒުވާނާ މިއަދު އޮފީހަށް ދާން ވެސް ބޭނުން ނުވަނީ އެވެ. އޭނާ ބުނާގޮތުން އެހުރިހާ ކަމެއްގެ ވެސް ފަހަތުގައި ވަނީ ހަމަ އެންމެ ސަބަބެކެވެ.
"ބައެއް މީހުން ރުޅިއާދޭ އަޅުގަނޑު ގިނައިރު މަސައްކަތުގަ އުޅޭތީ، ބުނާނެ ވައިޖަހަން މަސައްކަތް ކުރަނިއްޔޭ، އަނެއް ބަޔަކު ރުޅި އާދޭ ޕްރޮމޯޝަނެއް ލިބުނަސް، ދެން ނޭނގެ، ހާއްސަކޮށް ކަމެއްނުކޮށް ތިބޭ މީހުން އެންމެ ޖެއްސުން ކުރާނީ،" އޮފީސް މަތިން ފޫހިވި ހަސަދައިގެ ކުޅިގަނޑު ކިޔައިދެމުން އޭނާ ބުންޏެވެ.
ވަރަށް އާންމު، މިވަނީ ކިހިނެއް!
ތިމާއާ އެކު އުޅޭ އެހެން މީހުން ކުރިއަރާ ދާތަން ބަލަން ތިބުމަކީ ގިނަ ބަޔަކަށް މާ ފަސޭހަކަމެއް ނޫނެވެ. އެއީ މުއްސަދިކަން ކަމުގައި ވިޔަސް، ތައުލީމީ ގޮތުން ކަމުގައި ވިޔަސް އަދި މަސައްކަތުގެ ރޮނގުން ކަމުގައި ވިޔަސް އެކަން އޮތީ އެގޮތަށެވެ. އެއީ އިންސާނީ ތޮބީއަތެކެވެ.
އެކަކު އަނެކަކަށް ފަސޭހައިން އެނގި ފަރިތަ މިކުޑަ ރާއްޖޭގައި ވެސް އެކަން އޮތީ އެގޮތަށެވެ. ހާއްސަކޮށް މަސައްކަތު މާހައުލުގައި ކުރަން ޖެހޭ މަސައްކަތާއި ކާމިޔާބު ހޯދަން ކުރަން ޖެހޭ މަސައްކަތަށް ވުރެ އެކުގައި އުޅޭމީހުންގެ ފަރާތުން ކުރިމަތިވާ ހަސަދަވެރި ރޭވުންތަކުން ސަލާމަތްވުމަށް ކުރަން ޖެހޭ މަސައްކަތް ބުރަވެފައި ހިތްދަތްޖެވެ.
މެނޭޖްމަންޓް ދާއިރާ އިން މާސްޓާސް ހަދާފައިވާ އަލީ ހާލިދު ވިދާޅުވާ ގޮތުގައި މަސައްކަތު މާހައުލުގައި ހަސަދަވެރިކަން މުއައްޒަފުންމެދުގައި އުފެދެނީ ތަނުގައި ބައެއްކަންކަން ރޭވި ހަމަޖެހިފައިވާގޮތުންނެވެ. އެގޮތުން ވެރިން ކަންކަން ކުރާގޮތުން މުއައްޒަފުން އެކަކުއަނެކަކާ ހަސަދަވެރި ވުމަށް މަގުފައިވާކަމަށް އަލީ ވިދާޅުވި އެވެ.
"މުއައްޒަފުންނަށް ކުރިއެރުން ދެވޭއިރު ފެންވަރަށާއި މަސައްކަތަށް ނުބަލާ ވައިޖަހައިގެން އުޅޭ މުއަޒަފުންނަށް ކުރިއެރުން ފޯރުކޮށްދިނުމުން މަސައްކަތު މާހައުލުގައި ހަސަދަވެރިކަން އުފެދޭނެ. މަސައްކަތުގައި އުޅޭ މުއައްޒަފުންނަށް ޝުކުރުއަދާކުރާ އިރު އެކަމުގައި ޝާމިލުވާ އެންމެންގެ މަސައްކަތް ފާހަނގަނުކޮށް، ވަކި ބަޔަކަށް ޝުކުރުއަދާކޮށްލުމުން މުއައްޒަފުންގެ މެދުގައި ހަސަދައިގެ އުދާސްއުފެދޭނެ، ވަކި ސެކްޝަނެއް ނުވަތަ ޑިޕާޓްމަންޓެއް އެހެން ސެކްޝަންތަކަށްވުރެ މުހިންމުކަމާއި އަހްމިއްޔަތު އިތުރުވާކަން އެހެން ފަރާތްތަކަށް އިހްސާސްކުރެވުމަކީ ހަސަދަވެރިކަން އިތުރުވާނެކަމެއް،" އަލީ ވިދާޅުވި އެވެ.
ދަމާސް ކުންފުނީގެ ސީއީއޯ އަދި އިޖުތިމާއި ހިދުމަތްތެރިޔާ މުހައްމަދު ޝިހާބް ވިދާޅުވި ގޮތުގައި ރާއްޖޭގެ މަސައްކަތު މާހައުލުގައި ހަސަދަވެރިކަމުގެ ކަންކަން ގިނައީ ވަކި އުސޫލަކަށް އަމަލުކުރުމުގެ ބަދަލުގައި ވަކި މީހެއް ބުނާގޮތަށް މަސައްކަތް ކުރަންޖެހުމުންނެވެ.
"ވަކި މީހަކު ބުނާ ގޮތަކަށް މަސައްކަތް ކުރަންމިޖެހެނީ، އެހެންވީމަ ދަށް މަގާމުތަކުގައި ތިބޭ މީހުން ޖެހޭ އޭނާގެ ރުހުން ހޯދަން، ދެން އޭނާގެ ރުހުން ހޯދަން އެއްމުވައްޒަފަކާއި އަނެއް މުވައްޒަފަކާއި ދޭތެރޭ ރޯވާ ހުޅުގަނޑު ހަސަދައަށް މިވަނީ،" ޝިހާބް ވިދާޅުވި އެވެ.
ހައްލުމިއޮތީ
ހަސަދަވެރިކަން ހުއްޓުވާލަން ކުރެވިދާނެ ކަންކަންތައްތަކާ ގުޅޭ ގޮތުން އަލީ ވިދާޅުވީ ކޮންމެ މީހަކު ވެސް ބަލަންވީ ތިމާގެ ބަހާއި އަމަލުގައި އެހެން މީހުން ދެރަކޮށްލައި އިހްތިރާމް ކުޑަ ކުރެވޭ ފަދަ ސިފަތަކެއް ހުރިތޯ ބަލައި އެކަންކަން އިސްލާހް ކުރުން ކަމަށެވެ.
"ބަލަންވީ އެހެން މީހުންގެ ކުރިއެރުމަށް ހުރަހެއް އެޅޭތޯ، އެފަދަ ސިފަތަކަކީ އެހެން މީހުންގެ ނަފްރަތު ތިމާއާއި ދިމާއަށް ދަމާނެ ސިފަތައް، މިއިން ކަމެއް ހުރި ނަމަ އަވަހަށް ތިމާގެ އެ ސިފަ ބަދަލުކުރުމަށް މަސައްކަތް ކުރަންވީ،" އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވާ ގޮތުގައި އެކުގައި އުޅޭ މުއައްޒަފެއްގެ ފަރާތުން ހަސަދައިގެ ކޮޅުމަތި ފެންނަން ފަށާއިރަށް އެގޮތަށް އުޅޭ މުއައްޒަފަކަށް ކުރިއެރުމެއް ނުވަތަ މަރުހަބާ ކިޔަން ޖެހޭ ފަދަ ކަމެއް ދިމާވެއްޖެ ނަމަ އެންމެ ކުރީގައި އެފަރާތަށް ތިބާ މަރުހަބާ ކިޔުމަކީ ވަރަށްމުހިންމު ކަމެއްކަމަށެވެ.
މައްސަލަތައް ދިމާވުން ތަކުރާރުވާ ނަމަ ދިމާވެގެން އުޅޭ މައްސަލަ ވެރިންނާ ހިއްސާކުރަންވާނެ ކަމަށާއި ވެރިން އެކަމަށް ހޭލުންތެރިވެ ވެރިންގެ ފެންވަރުގައި ފިޔަވަޅުއެޅުމަކީ މަސައްކަތު މާހައުލުގައި ދިމާވާ އެފަދަ ކަންކަން ހުއްޓުވޭނެ ގޮތެއްކަމަށް އަލީ ދެކެ އެވެ.
"ހަގީގަތުގައި ވެރިން އެބަޖެހޭ ވަރަށް ހޭލުންތެރިވާން، ބައިބައިވުން ނޫފެދޭނެހެން ފިޔަވަޅުތައް އަޅައި، މާ މަސައްކަތް ކުރާ މީހަކާއި އެހެން މުވައްޒަފުން ޖައްސާލާ ނަމަ އެހެން މުވައްޒަފުންނަށް އެބަ ޖެހޭ މިސާލުދައްކަން އެގޮތަށް ކުރިއަށް ނުދެވޭނެކަން ބުނެދީ މޯޓިވޭޓްކުރަން،" އަލީ ވިދާޅުވި އެވެ.
ޝިހާބް ވިދާޅުވާ ގޮތުގައި އެންމެ ރަނގަޅުގޮތަކީ ވަކި މީހަކަށް ބަރޯސާވެގެން ނޫނީ ވަޒީފާ ނުލިބުމާއި ވަކި މީހަކަށް ބަރޯސާވެގެން ނޫނީ މަސައްކަތުގެ ކުރިއެރުން ނުލިބޭ އުސޫލުދޫކޮށް ހަރުދަނާ އުސޫލެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ކަނޑައެޅުން ކަމަށެވެ.
ހަސަދައާ މެދު ކަންބޮޑު ނުވާށެވެ. އަދި މާޔޫސް ނުވާށެވެ. ތިމާގެ ކުށެއްނެތި ބަޔަކު ތިމާގެ ފަހަތުން އުޅޭ ނަމަ އެއީ ތިމާ ހާއްސަ މީހެއްކަން ގަބޫލް ކުރާށެވެ. ހަސަދަވެރިއެވަނީ ކޮންމެވެސް މޮޅު ސިޔަފައެއް ނުވަތަ މޮޅުކަމެއް އޮތީމަ އެވެ. ކުރަންވީކަމަކީ ކެރިގެން ހަސަދަވެރިންނާ ކުރިމަތިލުމެވެ. ހިތްހެޔޮކަމާއި މަސައްކަތްތެރިކަމުން އެމީހުން ބަލިކުރުމެވެ.