ކުރުނބާ ފެނަކީ ދިވެހީންގެ ތެރޭގައި އަބަދުވެސް ވަރަށް މަގުބޫލު އަދި އެހާ މީރު ބުއިމެކެވެ. ޚާއްސަކޮށް ރޯދަވީއްލާ ގަޑީގައި ބޯލަން މިއީ ހަމަ ވަރަށް ފައްކާ ބުއިމެކެވެ. އަދި ރޯދަމަހު ނޫނަސް ކަރުހިއްކުން ފިލުވާލުމަށާއި، ބަލިމީހުންނަށް ވެސް މިއީ ވަރަށް ކަމުދާ ބުއިމެކެވެ.

އާދައިގެ މަތީން ކުރުނބައަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ވަރަށް ތިޔާގި އެއްޗެކެވެ. އެހެން ނަމަވެސް ވެރިރަށް މާލެއަކީ ރާއްޖެތެރޭގެ ރަށްރަށުން ކުރުނބާ އެތެރެކޮށްގެން ވިއްކާ ސިޓީއަކަށް ވުމުން މާލޭގައި ކުރުނބަލުގެ އަގު ދޭތެރެއަކުން ވަރަށް ބޮޑަށް އުފުލިފައި، އަދި ބައެއްފަހަރު އާދައިގެ ވަރަކަށް ވެއްޓިފައި ވެސް ހުރެ އެވެ. އާންމުގޮތެއްގައި ދަތުރުވެރީންގެ މާރުކޭޓުންނާއި އަދި މާލޭގެ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުގައި އެހުންނަ ގާޑިޔާތަކުން ކުރުނބަލުގެ އަގުތައް ހުންނަނީ، 10ރުފިޔާއާ 30 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.

ދަތުރުވެރީންގެ މާރުކޭޓުގައި ވިއްކާންހުރި ކުރުނބާތަކެއް-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މިދުވަސްވަރު މާރުކޭޓުގައި ކުރުނބާ އެބަހުއްޓެވެ. ރަށްރަށުން މާލެއަށް ކުރުނބާ ވިއްކަން ގެންނަ ފަރާތްތަކުން ބުނާ ގޮތުގައި، އެމީހުން މާރުކޭޓު ގޮޅިތަކަށާއި ގާޑިޔާ ވިޔަފާރިކުރާ މީހުންނަށް، އަދި ހޮޓާ ކެފޭތަކަށް ވެސް ކުރުނބާ ވިއްކަނީ ފަސް ރުފިޔާ އާއި 10 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. އެއީ އެމީހުން ގަނޑުކޮށް ނަގާތީ އެވެ.

މި ރޯދަ މަހު، މާރުކޭޓުގައި ބައެއް ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެން ދިޔަ ނަމަވެސް ކުރުނބާގެ އަގު ހުރި އާދައިގެ ވަރެއްގައި ހިފެހެއްޓިފަ އެވެ. އެގޮތުން މިހާރު ކުޑަ ކުރުނބައެއް 10ރުފިޔާއަށް އަދި 12 ރުފިޔާއަށް ލިބެން ހުރި އިރު، މެދުމިނުގެ ކުރުނބައެއް 15ރުފިޔާ އަށް ލިބެ އެވެ. އަދި ބޮޑު ކުރުނބައެއް 25 ރުފިޔާއަށް، އެންމެ ބޮޑެތި ކުރުނބާ 30 ރުފިޔާއަށް ލިބެ އެވެ.

"މިދުވަސްވަރު ކުރުނބާ ލިބޭ ފުދޭވަރަކަށް. އުތުރާއި ދެކުނުގެ ރަށްރަށުން ވެސް ކުރުނބާ އެބަ ގެނޭ. އެހެންވީމާ އަދި ހިޔެއް ނުވޭ ކުރުނބަލުގެ އަގު މަތިވެގެން ހިނގައިދާނޭ ހެނެއް،" މާރުކޭޓު ގޮޅިއެއްގައި ކުރުނބާ ވިއްކަން އިން މީހަކު ބުންޏެވެ.

ދަތުރުވެރީންގެ މާރުކޭޓުގައި ވިއްކާންހުރި ކުރުނބާތަކެއް. ކުރުނބާ ހަދާފައި 1.5 ލިޓަރުގެ ފުޅިއަކަށް އަޅާފައި މާރުކޭޓުން ވިއްކަނީ 85 ރުފިޔާއަށް އަދި 100 ރުފިޔާއަށް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ކުރުނބާ ގަނެގެން ގެއަށް ގެނަޔަސް، އަދި ނުފުދު އެވެ. ކުރުނބާ ވިއްކާ ފަރާތްތަކުން، ކޮންމެވެސް ވަރަކަށް ކުރުބަލުގެ ބޮނބިގަނޑުން ބައެއް ކަނޑާލާފައި ދިންނަމަވެސް ގެއަށް އައިސް އޭގެ ކޮޅު ކަނޑައި ކުރުނބާ ފަޅައި ހެވާ ނެގުން ފަދަ ކަންކަމަށް ވެސް ވަގުތު ނަގަ އެވެ. އެހެންނަމަވެސް މިހާރު އެކަމަށް ވަނީ، ފުރިހަމަ ހައްލެއް ހޯދައިދީފަ އެވެ.

ދަތުރުވެރީންގެ މާރުކޭޓުގައި މިހާރު އެންމެ ހިނގާ ކުރުނބާގެ އެއް ބާވަތަކީ 1.5 ލިޓަރުގެ ފުޅީގައި ބަންދުކޮށްފައި ހުންނަ ކުރުނބާއެވެ. ބޮނަކުއާ، ތާޒާ އަދި ލައިފްގެ 1.5 ލިޓަރު ފުޅިއަށް އަޅާފައި ވިއްކާން ހުންނަ، ހަމަ އެންމެ ތާޒާ ކުރުނބާ ފުޅިއެއް 80 ރުފިޔާއަށް އަދި ބައެއް ގޮޅިތަކުގައި 100 ރުފިޔާއަށް ވެސް ހުރެ އެވެ. މި ކުރުނބާފެން ފުޅިއަށް އަޅާފައި ހުންނަނީ، ހެވާކާވެސް އެކުގަ އެވެ.

"މީގެ ފުޅިއަކަށް މި އެޅެނީ ތިނެއް ނުވަތަ ހަތަރު ކުރުނބާ. އެހެންވީމަ އަގުވެސް ބޮޑެއް ނޫންދޯ،" މާރުކޭޓު ގޮޅިއެއްގައި ކުރުނބާހަދަން އިން ބިދޭސީއަކު ކިޔައިދިނެވެ.

ދަތުރުވެރީންގެ މާރުކޭޓުގައި ވިއްކާންހުރި ކުރުނބާތަކެއް. ކުރުނބާ ހަދާފައި 1.5 ލިޓަރުގެ ފުޅިއަކަށް އަޅާފައި މާރުކޭޓުން ވިއްކަނީ 85 ރުފިޔާއަށް އަދި 100 ރުފިޔާއަށް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

އަގު ބޮޑުކޮށް ކުރުނބާފެން ވިއްކާ މީހުން ބުނާގޮތުގައި 100 ރުފިޔާއަށް ވިއްކާ ފުޅީގައި އެ ހުންނަނީ ވަރަށް މީރު ފޮނި ކުރުނބާ އެވެ. އެހެންނަމަވެސް 80 ރުފިޔާއަށް ފުޅިއެއް ވިއްކާ މީހުންވެސް ބުނަނީ އެއީ ހަމަ އެންމެ ތާޒާ، އެހާމެ މީރު ކުރުނބާ ކަމަށެވެ.

މިގޮތަށް ކުރުނބާ ހަދާފައި ފުޅިއަށް އަޅާއިރު އޭގައި އިތުރު އެއްވެސް ގަޑުބަޑުކުރުމެއް ނުވާނޭކަން އެފަރާތްތަކުން ޔަގީންކޮށްދެ އެވެ. ފުޅީގައި ހުންނާނީ ހަމަ އެންމެ ތާޒާ ކުރުނބާ ފެނާއި ހެވާ އެވެ.