12 Jun 2017, 14:00
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ކޮއްކޮ އާދަމް އާޒިމްއާ ފުލުހުން ސުވާލުކޮށްފައިވަނީ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި އޭނާ ދެއްކެވި ވާހަކައަކާ ގުޅޭ ގޮތުން ކަމަށް އޭނާގެ ވަކިީލު އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
އަލީ ޒާހިރު މިއަދު "ސަން" އަށް ވިދާޅުވީ، އާޒިމް އާ ފުލުހުން މައިގަނޑުގޮތެއްގައި ސުވާލުކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 532، 533 އަދި 610 ގެ ދަށުން ކުރާ ތުހުމަތާ ގުޅިގެން ކަމަށެވެ.
އަލީ ޒާހިރު ވިދާޅުވީ އާޒިމް ހައްޔަރުކޮށް ސުވާލުކޮށްފަައިވަނީ ސަންގު ޓީވީން މިދިޔަ ބުދަ ދުވަހު ދެއްކި "ޚަބަރަށްފަހު" ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން ކަމަށެވެ.
އާޒިމްގެ މައްޗަށް ތުހުމަތު ކުރަނީ ސަރުކާރު ވައްޓާލަން އުޅުމާއި ސަރުކާރު ބަދަލުކުރަން އުޅުމާއި ޝަރުއީ ނިޒާމާ މެދު ދޮގު މައުލޫމާތު ފެތުރުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތެވެ.
ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގައި ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފަކަށް ހުރަސް އެޅުން ނުވަތަ ދަތިކުރުމުގެ ކުށެކެވެ. އަދި 533 ވަނަ މާއްދާގައިވަނީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށެވެ.
އޭގެ އިތުރުން ގާނޫނުލް އުގޫބާތުގެ 610 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރަޔަޓްކުރުމާއި ބާރުގެ ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމުގެ ކުށެވެ.
އާޒިމްގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ އިއްޔެ ވަނީ އިސްތިއުނާފަށް ހުށަހަޅާފަ އެވެ.
ކުރިމިނަލް ކޯޓުން އާޒިމް ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އާޒިމް މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ބެހެއްޓުމަކީ އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ވެސް އެ އަމުރުގައިވެއެވެ.
އެ އަމުރުގައިވާގޮތުން އާޒިމާ ދެކޮޅަށް ލިބިފައިވާ ހެއްކަކީ އިންޓެލިޖެންސް ރިޕޯޓެކެވެ.