އަންނަ މަހު ސީޝެލްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމްގެ ސްކޮޑް އިއުލާން ކޮށްފި އެވެ.

ގޭމްސް އަށް ނެގި ސްކޮޑުގައި ޖުމްލަ 12 ކުޅުން ތެރިން ހިމެނޭ އިރު، ޓީމްގެ ކެޕްޓަނަކީ ޒުވާން ސެޓަރު އިޝާން މުހައްމަދު )ބަޓިސް( އެވެ. އަދި ވައިސް ކެޕްޓަނަކީ ދިވެހި ސިފައިންގެ ކްލަބުގެ އަހުމަދު އަބްދުލް ކަރީމް )ލޯންގޭ( އެވެ.

ވޮލީ އެސޯސިއޭޝަނުން މައުލޫމާތު ދޭގޮތުގައި، މުބާރާތަށް ނަގައިފައިވާ 12 ކުޅުންތެރިންގެ ސްކޮޑަކީ މި ވަގުތު ރާއްޖެއިން ނެގެން އޮތް އެންމެ މޮޅު ޓީމެވެ. އަދި ގައުމީ ޓީމުން އަލަށް ޖާގަ ހޯދި ޒުވާން ދެ ކުޅުންތެރިއަކު މިފަހަރުގެ ސްކޮޑުގައި ހިމެނިއިރު އެ ދެ ކުޅުން ތެރިންނަކީ އަލީ ހުޒާމް އާއި މުހައްމަދު އަހުސަން އެވެ.

ދެހާސް ހަ ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ގައުމީ ޓީމަށް ކުޅެމުންދާ ބަޓިސް އަކީ މިދިޔަ އަހަރު ހަވީރުން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމަށް ވާދަކޮށް، ތިން ވަނަ މަގާމަށް ހޮވުނު ކުޅުންތެރިއާ އެވެ. މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ގޭމްސްގައި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަންކަންކޮށްފައިވަނީ ލޯންގޭ އަކީ މިދިޔަ އަހަރު ހަވީރުން ހޮވި އަހަރުގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިއާގެ މަގާމް ހޯދި ކުޅުންތެރިއާ އެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ވޮލީބޯޅަ ޓީމު އަންނަ ހޮނިހިރު ދުވަހު ތައިލޭންޑަށް ފުރާއިރު، ޓީމްގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ މުހައްމަދު ޝަރަފެވެ. އަދި މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް ތައިލޭންޑްގައި ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު، ތައިލޭންޑްގެ ފުރަތަމަ ޑިވިޝަނުގެ ހަތަރު ކްލަބާ އެކު މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވޮލީބޯލް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ވާދަކުރާ ވޮލީ ބޯލްޓީމްގެ ސްކޮޑް:

1. ހުސެން ހަމީދު )ހަމިއްޓޭ( ޕޮލިސް ކުލަބް
2. ހަސަން އާމިރު )އާމިރު( ޕޮލިސް ކުލަބް
3. އަލީ އާމިރު )ދިގު އައްޔަ( ތާޖް ރިސޯޓް
4. އިސްމާއިލް ސާޖިދު )ކުޑަ ކާއްޓޭ( ޕޮލިސް ކުލަބް
5. މުހައްމަދު ސާޖިދު )ކާއްޓޭ( ތާޖް ރިސޯޓް
6. މުހައްމަދު އަހުޝަން )އަހުސަން( ސިފައިންގެ ކުލަބް
7. އަސްފާގް އާދަމް )އަކަލޭ( ރީތި ރަށް ރިސޯޓް
8. އިސްމާއިލް މުޙައްމަދު )ބަޓިސް( ރީތި ރަށް
9. އަހުމަދު އަބްދުލް ކަރީމް )ލޯންގޭ( ސިފައިންގެ ކުލަބް
10. ޖުނައިދު އަބްދުﷲ )މާމާ( ސިފައިންގެ ކުލަބް
11. އަހުމަދު އަނިލް ނަސީރު )އަނިލް( ސިފައިންގެ ކުލަބް
12. އަލީ ހުޒާމް ތާޖް ރިސޯޓް