16 May 2010, 16:03
19:00
ހާލުގައި ޖެހިފައިވާ ކަމަށް ބުނެގެން ހޯދަމުންދިޔަ އީރާނުގެ މަސްބޯޓަކީ ކަނޑުފޭރޭ ބަޔަކު މީގެ ހަ މަސް ކުރިން ހިސޯރުކޮށްފައިވާ ބޯޓެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ބޯޓް ފެނުނުއިރު ބޯޓް އޮތީ އިންޖީނު ހުއްޓުމުގެ ސަބަބުން އޮޔާއެކު އައިސް ހުވަދު އަތޮޅާ ދިމާ ހުޅަނގުން ގާތްގަނޑަކަށް 75 މޭލް ބޭރުގައި ކަމަށާއި މިބޯޓް ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން ބޯޓް ފެނިފައި ވަނީ އައިލެންޑް އޭވިޝަންގެ ޑޯނިއަރ މަތިންދާބޯޓަށް މިއަދުގެ މެންދުރުފަހު ކަމަށެވެ. އަދި މިއަދު ހަވީރު 4:30 ހާއިރު މިބޯޓް ކައިރިއަށް ކޯސްޓްގާޑު އިސްކަންދަރު ލޯންޗު ގޮސް، އެލޯންޗުގެ ފަޅުވެރިން ބޯޓަށް އެރިއިރު ބޯޓްގައި ތިބި މީހުން ތިބީ ކާބޯތަކެއްޗާއި ފެން ހުސްވުމުގެ ސަބަބުން ހާލު ދެރަވެފައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
މިބޯޓުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ބުނެފައި ވަނީ މި ބޯޓަކީ މީގެ ހަ މަހެއްހާ ދުވަސްކުރިން ކަނޑުފޭރޭ ބަޔަކު ހިސޯރުކޮށްފައިވާ ބޯޓެއް ކަމަށެވެ. ނަމަވެސް ކޯސްޓްގާޑުގެ ސިފައިން މިބޯޓަށް އަރާ ޗެކްކޮށް ބެލިއިރު، ބޯޓުގައި އެއްވެސް ހަތިޔާރެއް ނެތްކަން ޔަޤީންކުރެވިފައިވާ ކަމަށާއި އެ ބޯޓްގައި 20 މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ބޯޓްގެ ކެޕްޓަން ބުނެފައިވަނީ އެ 20 މީހުންގެ ތެރެއިން ހަތް މީހުންނަކީ ބޯޓު ހިސޯރުކުރި ފޭރޭ މީހުން ކަމަށެވެ.
މި ބޯޓްގައި ތިބި މީހުންނާއި ބޯޓު، އީރާނަށް އަނބުރާ ފޮނުވާލުމަށްޓަކައި ދިވެހި ސަރުކާރާއި އީރާނު ސަރުކާރާ ދެމެދު އަންނަނީ މަޝްވަރާކުރެވެމުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ހަތް މީހުންނާއެކު ހާލުގައި ޖެހިފައި އޮތް ސޯމާލިއާގެ މަސްބޯޓެއް ހިތަދޫ ކޯއްޓޭއާ ދިމާލު، އެއް މޭލު ބޭރުން އެމްއެންޑީއެފަށް ވަނީ ފެނިފަ އެވެ.