ތެލުން ނަގަމުންދާ ޑިއުޓީ ކުޑަ ކުރުމުގެ ބަދަލުގައި އެއްވެސް ޑިއުޓީއެއް ނުނަގާ ގޮތަށް ބަދަލު ކުރުމަށް މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެމްބަރުން ވަކާލާތު ކުރައްވައިފި އެވެ.

ތެލުން މިހާރު ނަގަމުންދާ 10 ޕަސެންޓް ޑިއުޓީ ފަސް ޕަސެންޓަށް ކުޑަކުރަން މަޖިލީހަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މެޖޯރިޓީ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު އެވެ.

އެ އިސްލާހުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން 2011 ވަނަ އަހަރު ތެލުން ނަގާ ޑިއުޓީ ސުން ޕަސެންޓަށް ހަދާފައިވާނެ ކަމަށެވެ.

އެހެންކަމުން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށްވާނީ ކުރިން ވެސް އޮތް ގޮތަށް ސުން ޕަސެންޓަށް ތެލުގެ ޑިއުޓީ ނަގުމަށް ނިންމުން ކަމަށް އިބޫ ވިދާޅުވި އެވެ.

ދެހާސް އެގާރަވަނަ އަހަރު ނޮވެމްބަރު މަހު މަޖިލީހުން ވަނީ ބިމުން ނަގާ ހަކަތައިގެ ބާވަތްތަކާއި ތެލާއި، ތާރު އަދި އުށް ފަދަ ތަކެތިން ސުން ޕަސެންޓް ނަގަން ފާސްކޮށްފަ އެވެ. އަދި އޭގެ ފަހުން 2014 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން ވަނީ 10 ޕަސެންޓް ޑިއުޓީ ނަގަން ފާސްކޮށްފަ އެވެ.

ބިލު ހުށަހަޅުއްވަމުން ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ތެލުން ނަގާ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަކުރުމަށް ސަރުކާރުން ނިންމެވީ ރައްޔިތުންނަށް ލުއިފެސޭހަ ކޮށްދިނުމަށް ކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި އަދުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އެއަށް ރައްދު ދެއްވައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުޣަފޫރު މޫސާ ވިދާޅުވީ ސުން ޕަސެންޓުން ޑިއުޓީ ނަގަމުން ދިޔަ އެއްޗަކުން ޑިއުޓީ 10 ޕަސެންޓަށް ބޮޑުކޮށްފައި އަނެއްކާ ފަސްޕަސެންޓަށް ކުޑަކުރުމަކީ ރައްޔިތުންނަށް ހެޔޮ އެދުން ނޫން ކަމަށެވެ.

ސަރުކާރުން މަސައްކަތް ކުރަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އެއްޗިހީގެ އަގުހެޔޮކުރުމަށް ކަމަށް ޣަފޫރު ވަނީ ތުހުމަތު ކުރައްވާފަ އެވެ. އަދި އިންތިހާބު ނިމުނީމަ ތެލުން 25 ޕަސެންޓް ޑިއުޓީ ނަގާނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް އިދިކޮޅު ގިނަ މެމްބަރުންތަކެއް ވަނީ ތެލުން ނަގާ ޑިއުޓީ 2011 ވަނަ އަހަރު އޮތްގޮތަށް ސުން ޕަސެންޓަށް ބަދަލު ކުރުމަށް ގޮވާލާފަ އެވެ. ނަމަވެސް ފަސްޕަސެންޓަށް ކުޑަކުރި ނަމަވެސް ކުޑަކުރާނަމަ ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގައި ކުރިއަށް އަންނަން ތިބި ރައީސުންނަށް އިގްތިސާދީ މިސާލެއް ކަމަށެވެ.

ފަލާޙު ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުން ސުން ޕަސެންޓަށް ތެލުން ނަގާ ޑިއުޓީ ކުޑަކުރި ނަމަވެސް އެމަނިކުފާނުގެ އިގްތިސާދީ ސިޔާސަތު ދޯހަޅި ކަމަށެވެ. އެކަމުގެ ސަބަބުން ގިނަ ރައްޔިތުންތަކެއް ބަނޑަށް ޖެހުނު ކަމަށް ފަލާހު ވިދާޅުވި އެވެ.

ތެލުން ނަގާ ޑިއުޓީ ކުޑަކުރަން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް މަރުހަލާ އަދި ނުނިމެ އެވެ. ޖަލްސާ ދެން ފަށާނީ އެކެއް ޖަހާއިރު ކަމަށް ރިޔާސަތުން ވަނީ އިއުލާނު ކުރައްވާފަ އެވެ. އަދި މިއަދު އެ އިސްލާހުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ވަނީ ފާސްކޮށްފަ އެވެ.