12 Jun 2017, 12:43
ހދ. ނޭކުރެންދޫގައި މަގުބޫލް އުޒުރެއް ނެތި ރޯދަ ދޫކޮށްލުމުގެ ކުށުގެ ދެ ފިރިހެނުން އިއްޔެ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އިއްޔެ ނޭކުރެންދޫގައި ރޯދައަށް ނުހުރެ ކައިބޮއެ ހެދި މައްސަލައާއި ގުޅިގެން ދެ ފިރިހެން ހައްޔަރުކޮށްފައިވާއިރު އެމީހުންގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.
ފުލުހުން ބުނީ ހައްޔަރުކުރީ 24 އަހަރާއި 36 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.
ފުލުހުން މީގެ ކުރިން ވެސް ވަނީ ރޯދަ ދޫކޮށްލި އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ.
ގާނޫނު އުގޫބާތުގެ 616 ވަނަ މާއްދާގެ ހ. ގެ ދަށުން އެއީ ކުށެކެވެ. ކުށަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަޑަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ކުށުގެ ރެކޯޑަށް ބަލައި އަދަބު ބޮޑު ކުރުމުގެ ބާރާއި ޖޫރިމަނާ ކުރުމުގެ ބާރު ވެސް ފަނޑިޔާރަށް ލިބިގެންވެ އެވެ.
ގަސްތުގައި ރޯދަ ދޫކުރުމަކީ ފާފައަކަށް ވާއިރު، އެމީހަކު ތައުބާވެ އަލުން އެރޯދަ ހިފަން ޖެހޭނެ އެވެ.
ފުލުހުން ބުނީ އުޒުރެއް ނެތި ރޯދައަށް ނުހުންނަ ފަރާތްތަކުގެ މައުލޫމާތު ފުލުހުންނަށް ހުށަހެޅުމަށް އިލްތިމާސްކުރާ ކަމަށާއި އޭރުން އެބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.