ގިނަ ދުވަސްތަކެއްގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލު ކުރެވެން ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

ރަމަޟާން މަހަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

އަދީބުގެ އާއިލާގެ ފަރާތުން ރަމަޟާން މަހަށް އަދީބު ގޭބަންދައް ބަދަލުކޮށްދޭން އެދި ކަރެކްޝަންސް އަށް ފޮނުވި ސިޓީގެ ޖަވާބުގައި ކަރެކްޝަންސްއިން ބުނެފައި ވަނީ "އަދީބު ގޭބަންދަށް ބަދަލުކުރެވެން ނެތް" ކަމަށެވެ.

ނަމަވެސް ގޭ ބަންދަށް ބަދަލުކުރެވެން ނެތް ސަބަބެއް ސިޓީގައި ފާހަގަކޮށްފައެއް ނުވެ އެވެ.

އަދީބު ޖަލަށް ލާފައި ވަނީ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްކޮޅު ގޮއްވާލަން އުޅުނު މައްސަލަ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ފިސްތޯލަ ގެންގުޅުނު މައްސަލާގަ އެވެ. އަދިވެސް އިތުރު މައްސަލަތަކެއްގައި ދައުވާ އުފުލި ޝަރީއަތްތައް ދަނީ ކުރެވެމުންނެވެ.