ރަމަޟާން ކްރިކެޓް ކާނިވަލް މިއަހަރު ވެސް ބޭއްވުމަށް ހަމަޖެހިފައި ވަކަމަށް ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

އަންނަ ރަމަޟާން މަހުގެ ދެ ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މިއަހަރުގެ މުބާރާތް ވެސް، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޯޕަންޓޭޕް ބޯލް މުބާރާތާއި ކުންފުނިތަކުގެ މެދުގައި ކުޅެވޭ އިންވިޓޭޝަނަލް ކްރިކެޓް މުބާރާތަކުގެ މެދުގަ އެވެ.

ކްރިކެޓް ބޯޑުން މައުލޫމާތު ދޭގޮތުގައި، މި ދެ މުބާރާތުގައި ވެސް ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލިއިރު، ބައިވެރިވުމަށް އެދޭ ފޯމް ކުރިކެޓް ބޯޑުގެ އޮފީހުން ދަނީ ދޫކުރަމުން ނެވެ.

އޯޕަންޓޭޕް ބޯލް މުބާރާތުގައި މިފަހަރު ގިނަ ވެގެން ޖުމްލަ 18 ޓީމަށް ބައިވެރި ވެވޭއިރު، މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް މިމަހުގެ 25 ވާ ހޯމަދުވަހުގެ ނިޔަލަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އަދި މުބާރާތުގައި ބައިވެރި ވުމުގެ ފީ އަކީ 1000ރ. ކަމަށް ވެސް ކްރިކެޓް ބޯޑުން ބުނެއެވެ. އަދި ކުންފުނި ތަކުގެ މުބާރާތުގައި ގިނަވެގެން އަށް ޓީމަށް ބައިވެރިވެވޭއިރު، މި މުބާރާތުގައި ވެސް ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 25 ވަނަ ދުވަހު އޮފީސް ބަންދު ވުމުގެ ކުރިންނެވެ. އަދި މިމުބާރަތުގައި ބައިވެރި ވެވޭނީ 5000ރ. އާގެ ފީ އެއް ދައްކާގެން ކަމަށް ވެސް ކުރިކެޓް ބޯޑުން މައުލޫމާތު ދެއެވެ.