12 Jun 2017, 11:36
ރައީސް އަބްދުﷲ ޔާމީން އަބްދުލްޣައްޔޫމްގެ ސަރުކާރު އައިފަހުން މިހާތަނަށް 34 ރަށެއްގެ ބަނދަރު ނިންމާފައިވާ ކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތ. އޮމަދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު ފެށޭނެ ތާރީހެއް ސާފު ކުރުމަށް މިނިސްޓަރު މުއިއްޒު މަޖިލީހަށް ހާޒިރު ކުރުމުން މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިހާތަނަށް ނިމިފައި ވަނީ ހަތް ބަނދަރެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭގެ ރަނގަޅު އަދަދަކީ ކޮބައިތޯ ސާފުކޮށްދިނުމަށް އަބްދުލްޣަފޫރު އެދިވަޑައިގެންނެވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މިހާތަނަށް މިސަރުކާރުން 34 ބަނދަރެއްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ވެސް 39 ރަށެއްގެ ބަނދަރުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
"ހަތް ރަށެއްގައި ޖެޓީ ހެދުމަށް ވެސް ވަނީ ހަވާލުކުރެވިފައި، މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ 16 ރަށެއް ވެސް އެބައޮތް،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
މާލޭގެ އުތުރު ފަރާތު ބަނދަރުގައި ޖަހާފައިހުރި ސީޓުތައް ފީވަމުންދާ ކަމަށާއި ބަނދަރު ވަރަށް ހާލުގައި އޮތް ކަމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ފާހަގަކުރަައްވައި އެތަން ހަދަން ފެށޭނެ ދުވަހަކާ ބެހޭ ގޮތުން ވަނީ ސުވާލު ކުރައްވާފަ އެވެ.
އެ ސުވާލާ ގުޅިގެން މިނިސްޓަރު މުއިއްޒު ވިދާޅުވީ މާލޭ އުތުރު ފަރާތު ބަނދަރު މަރާމާތު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނަމަވެސް އެ ބަނދަރުގެ މަސައްކަތް ބޮޑުވެފައި ދާނެ ހަރަދު ބޮޑުކަމުން އެއް މަޝްރޫއެއް ގޮތުގައި ހިމަނައިފި ނަމަ އެއީ އެއް އަހަރުގެ ބަޖެޓަށް ބޮޑު ބުރައަކަށް ވެގެންދާނެ ކަމެއް ކަމަށެވެ.
"އެމަސައްކަތް ކުރުމަށް ބަޖެޓުގައި ހިމެނޭނެ ވަރެއް ކަނޑައަޅައި އެމަސައްކަތް ވެސް ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު ސުވާލު ކުރަން ލިބިނު ފުރުސަތުގައި މެމްބަރުންގެ ދާރިރާތަކުގެ ރަށްރަށުގެ ބަނދަރުތަކާ ބެހޭ ގޮތުން މިނިސްޓަރުން ވަނީ ސުވާލު ކުރައްވާފަ އެވެ.