ބޮލީވުޑްގެ އެކްޓަރު ވަރުން ދަވާން އާއި ބައްދަލު ކުރުމަށް ޒުވާން އަންހެން ކުއްޖަކު ގެއިން ފިލައިފި އެވެ.

ރާއިޕޫރަށް ނިސްބަތްވާ އަދިތީ ސުރާނާ ގެއްލިގެން ހޯދާތާ ދެތިން ދުވަސް ވަނީ ވެފަ އެވެ. އަދިތީ ހޯދަން ބޮޑު އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވާއިރު، އޭނާ ފެނުނީ ކަންޖުރްމަރްގް ޓްރެއިން ސްޓޭޝަންގައި ހުއްޓައި އިއްޔެ އެވެ.

އޭނާ ގެއިން ނުކުތީ ވަރުން އާއި ބައްދަލު ކުރަން ބޭނުންވެގެން ކަމަށް ބުނުމުން، ފުލުހުން ވަނީ އަދިތީ އަށް ވަރުން އާ ބައްދަލު ކުރެވޭނެ ގޮތް ހަދައިދީފަ އެވެ.

ފުލުހުންނާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން، ވަރުން ވަނީ އަދިތީ އާއެކު ގަޑިއެއްހާ އިރު މަޑުކޮށްފަ އެވެ. އަދި އޭނާގެ އަމަލުގެ ސަބަބުން ނުކުމެދާނެ ނަތީޖާ ވިސްނައިދީ، ދެ ވަނަ ފަހަރަށް އެފަދަ ކަމެއް ނުކުރުމަށް ނަސޭހަތްތެރިވި ކަމަށްވެ އެވެ.

އިއްޔެ ހަވީރުގެ ވަގުތެއްގައި ފުލުހުން ވަނީ އަދިތީ ރާއިޕޫރަށް ގެންގޮސް އޭނާގެ ބެލެނިވެރިންނާ ހަވާލުކޮށްފަ އެވެ.