ވޮޝިންޓަން (ޖޫން 12): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމުގެ ހުވާ ކުރެއްވިތާ ފަސް މަސް ފަހުން އަނބިކަނބަލުން މެލާނިއާ އާއި ބެރޮން ވައިޓް ހައުސްއަށް ބަދަލުވެވަޑައިގެންފި އެވެ.

މީގެ ކުރިން މެލާނިއާ ނިއު ޔޯކުގައި މަޑު ކުރެއްވީ 11 އަހަރުގެ ދަރިފުޅު ބެރޮންގެ ސްކޫލް އަހަރު ނިމެންދެންނެވެ. އެމެރިކާގެ ކުރީގެ ގިނަ ފަސްޓް ލޭޑީންނެކޭ އެއްގޮތަށް މެލާނިއާ ޖެނުއަރީ މަހު ވައިޓް ހައުސްއަށް ބަދަލު ނުވުމަކީ އާދަޔާ ހިލާފު ކަމެއް ކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރި އެވެ.

ބެރޮން އަކީ 1963 ވަނަ އަހަރުގެ ފަހުން ވައިޓް ހައުސްގައި ދިރިއުޅުއްވާ ރައީސެއްގެ ފުރަތަމަ ފިރިހެން ދަރިފުޅެވެ. އޭރު ވައިޓް ހައުސްގައި ދިރިއުޅުއްވީ ޖޯން އެފް ކެނެޑީގެ ތިން އަހަރުގެ ދަރިކަލުން ޖޯން އެފް ކެނެޑީ ޖޫނިއާ އެވެ.

މެލާނިއާ އާއި ދަރިފުޅު ބެރޮން ނިއު ޔޯކުގައި އުޅުއްވާ އިރު ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ޓެކްސް ފައިސާއިން ދުވާލަކު ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު ހަރަދު ވާތީ، މެލާނިއާ ނިއު ޔޯކުން ބޭރުކޮށްލުމަށް ގޮވާލާ ޕެޓިޝަނެއްގައި ބައި މިލިއަން މީހުން ވަނީ ސޮއިކޮށްފަ އެވެ. (ބީބީސީ)