ފްލޮރިޑާއަށް ނިސްބަތްވާ އީސާ އަކީ ވަރަށް ވިޔާނުދާ ދިރިއުޅުމެއް އުޅުނު މީހެކެވެ. މީގެ ހައެއްކަ އަހަރު ކުރިން އިސްލާމް ދީން ގަބޫލުކުރި އީސާގެ ކުރީގެ ދިރިއުޅުމާ މެދު އޭނާ މިހާރު ދެރަވެ ލަދުގަނެއެވެ. އެހެން ނަމަވެސް މާޒީ އިން އީސާ ވަނީ އިބްރަތް ހާސިލްކޮށްފަ އެވެ. އަދި ދިރިއުޅުން އިސްލާޙް ކޮށްފަ އެވެ.

އުމުރުން ގާތްގަނޑަކަށް 19 ވަރަކަށް އަހަރުގައި އީސާ ވަނީ ބައްޕައަކަށް ވެފަ އެވެ. އޭނާއަށް ދެކުދިން ލިބުނެވެ. އީސާގެ މުޅި ދިރިއުޅުން ވެސް އެނބުރެމުން ދިޔައީ ރަލާއި މަސްތުވާތަކެތީގެ ވަށައިގެންނެވެ. ދުވަސް އެކީގައި ދަނީ މަސްތުގައެވެ.

މަސްތުގެ ދަލުގައި ޖެހި އީސާގެ ދިރިއުޅުން ދިޔައީ ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓެމުންނެވެ. ދުނިޔެމަތީގައިވާ ނުބައި ހުރިހާ ކަމެއް އޭނާ ކުރަމުން ދިޔަ އެވެ. މަސްތުވާތަކެތި ގަންނަން ފައިސާ ހޯދަން ފިހާރަ ފަދަ ތަންތަން ލޫޓުވަން ފެށި އެވެ. ހަތިޔާރުން ބިރު ދައްކައިގެންނެވެ.

ޖަލުގެ ތޭރިތަކުގެ ފުރަގަހަށް އީސާ ދާން ޖެހުނީ ވެސް ވައްކަމުގެ ބޮޑު މައްސަލައެއްގަ އެވެ. އެ މައްސަލާގައި އޭނާ އަށް ފަނަރަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައެވެ. އަދި ޖަލަށް ދިޔަ ފަހުން އިތުރު ފަސް އަހަރުގެ ހުކުމެއް ވެސް އިއްވި އެވެ.

އީސާއަށް އިސްލާމް ދީނަށް ހިދާޔަތު ލިބިގެން ދިޔައީ ޖަލުގައި އޭނާ ހޭދަކުރި ދުވަސްތަކުގަ އެވެ. އީސާ އަކީ ކްރިސްޓިއަން ދީނަށް އުފަން މީހަކަށް ވާއިރު، ކަލަކު ވޮޑިގެން ވާކަމަށް އޭނާ ގަބޫލު ކުރެ އެވެ. އެހެން ކަމުން ޖަލުގައި ހުރި ދުވަސްވަރު އޭނާ ވަނީ މަގު ދެއްކެވުމަށް އެދި ދުއާ ކޮށްފަ އެވެ.

ތެދު މަގު ދެއްކެވުމަށް އެދި ދުއާ ކުރަމުން ދަނިކޮށް އޭނާ އާ އެއް ގޮޅިއަކަށް ލީ މުސްލިމް ގައިދީ އެކެވެ. ކޮންމެ ރަމަޟާން މަހަކު ވެސް މުސްލިމުންނާ އެކު ރޯދަ ހިފުމަށް މުސްލިމް ގައިދީ އީސާ އަށް ދައުވަތުދެ އެވެ. އީސާ ވަނީ ޖަލުގައި ތިބި މުސްލިމުންނާ އެކު ދެ އަހަރު ވަންދެން ރޯދަ ހިފައިފަ އެވެ. ޣައިރު މުސްލިމެއްގެ ގޮތުގައި ހުރެ އެވެ.

އޭގެ ފަހުން އޭނާ އެހެން ޖަލަކަށް ބަދަލު ކުރި އެވެ. އެ ތަނުން ވެސް މުސްލިމް ގައިދީންނާ އީސާ އާއި ދިމާވި އެވެ. ރަމަޟާން މަހުގެ އަޅުކަންތަކުގައި ބައިވެރިވެ، ރޯދަ ހިފުމާއި ރޯދަ ވީއްލުމަށް އެމީހުން އޭނާ އަށް ދައުވަތު ދިނެވެ. ކޮންމެ ފަހަރަކު ވެސް އީސާ އެ ދައުވަތު ގަބޫލު ކުރެ އެވެ.

އީސާ ދިއައީ ގަވާއިދުން މުސްލިމުންނާ އެކު ހުކުރު ނަމާދުގައި ވެސް ބައިވެރިވަމުންނެވެ. އޭނާގެ މުޅި ދިރިއުޅުން ބަދަލުވީ ވެސް ހުކުރު ބަންގީގެ އަޑު އިވުމުންނެވެ. އިސްލާމް ދީނަށް އޭނާގެ ހިތް ހުޅުވިގެން ދިޔައީ އެ ދުވަހު އެވެ. އެ ދުވަހު އޭނާ އަށް ލިބުނު ހިތްހަމަޖެހުމުގެ ސަބަބުން އުފަލުން ރޮވުނެވެ. އަދި މާތް ރަސްކަލާނގެ އޭނާއަށް ތެދުމަގު ދައްކަވައިފިކަން ޔަގީންވި އެވެ. އީސާ އިސްލާމްވީ އޭގެ ދެ ހަފްތާ ފަހުންނެވެ.

ސަތާރަ އަހަރަށް ފަހު އީސާ ޖަލުން މިނިވަންވީ މީގެ ގާތްގަނޑަކަށް ތިން އަހަރު ކުރިންނެވެ. އީސާ މިހާރު އާމްދަނީ ހޯދަނީ ޙަލާލް މަސައްކަތް ކޮށްގެންނެވެ. އޭނާ ވަޒީފާ އަދާކުރަނީ ހާޑްވެއާ ފިހާރައެއްގަ އެވެ.

ޖަލުގައި ހޭދަ ކުރި ދިގު މުއްދަތުގައި އޭނާ އަށް އިސްލާމ ދީނުގެ ހިދާޔަތު ލިބުނެވެ. ޖަލަށް ދެވުނީ އޭނާގެ ބަދުނަސީބުންނެވެ. ނަމަވެސް ޖަލަށް ދެވުމުން މިއަދު އޭނާ އަކީ ނަސީބުވެރި އެކެވެ.

އުމުރުގެ ބޮޑު ބައެއް ޖަލުގައި ހޭދަ ކުރަން ޖެހުމުގެ ސަބަބުން އޭނާގެ ދެ ކުދިންނަށް އެއްވެސް ވަރެއްގެ ލޯތްބެއް އަދި އަޅާލުމެއް ވެސް އީސާ އަކަށް ނުދެވުނެވެ. އަދި އީސާ ޖަލުގައި ހުއްޓައި އޭނާގެ ފިރިހެން ދަރިފުޅު ވަނީ މި ދުނިޔެއާ ވަކިވެފަ އެވެ. އަންހެއް ދަރިފުޅާ ދެމީހުންގެ ގުޅުން ވަނީ ހީނަރުވެފަ އެވެ. މިހާރު ދެމީހުން ވާހަކަ ދައްކައި ހެދި ނަމަވެސް، އަދިވެސް ވަރަށް ދުރެވެ.

ސަތާރަ އަހަރު ވަންދެން އޭނާ ހުރި ޖަލު ވެގެން ދިޔައީ، ދިރިއުޅުން އިސްލާހުކޮށް، އާޚިރަތް ހޯދުމަށް އޭނާ އަށް ލިބިގެން ދިޔަ ފުރުސަތަކަށެވެ. މުސްލިމެއްގެ ހައިސިއްޔަތުން އޭނާ މުސްލިމުންނަށް ދޭން ބޭނުންވާ ނަސޭހަތަކީ:-

"އަހަރެމެންގެ އަމަލުތައް ބައްލަވަނީ ހަމައެކަނި ﷲ އެއް ނޫނެވެ. އަހަރެމެންގެ ވަށައިގެންވާ މާހައުލުގައި ދިރިއުޅޭ އެންމެނަށް ވެސް ފެންނާނެ އެވެ. އެހެން ކަމުން އަހަރެމެންގެ އަމަލުތައް ހެޔޮ ގޮތުގައި ބައްޓަން ކުރަން ޚާއްސަ ސަމާލުކަމެއް ދޭން ވާނެ އެވެ. އަހަރެމެންގެ އެންމެ އަމަލެއްގެ ސަބަބުން މީހަކު އިސްލާމް ދީނަށް އަތުވެދާނެ އެވެ. އަދި ހަމަ އެންމެ އަމަލެއްގެ ސަބަބުން އެ ދައުވަތަށް ފުރަގަސް ވެސް ދީފާނެ އެވެ."