14 Jul 2011, 15:36
މާލޭ ސިޓީ ކައުންސިލުން މއ. ކިނބިގަސްދޮށުގެ ދައުލަތަށް ނަގަން ނިންމި ނަމަވެސް ސިޓީ ކައުންސިލުން ވެސް ނުވަތަ ދައުލަތުގެ އެއްވެސް އިދާރާއަކުން ވެސް ގެއާ ބެހޭ ގޮތުން އެއްވެސް އެންގުމެއް އަންގާފައި ނުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އާއިލާއިން މިއަދު ބުނެފި އެވެ.
މަޖިލިސް ހުއްޓުނު މައްސަލާގައި އެމްޑީޕީން އިއްޔެ މަޖިލިސް ދޮށުގައި ބޭއްވި އެއްވުމެއްގެ ތެރޭގައި ރަތްދޫލަ އަޅައިގެން މަގު މެދުގައި މާލޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ކުރީގެ ރައީސް މައުމޫންގެ އަމިއްލަފުޅު ގެކޮޅު، މއ. ކިނބިގަސްދޮށުގެ ދައުލަތަށް ނަގަން ނިންމާފައި ވާތީ އެމަނިކުފާނުގެ އާއިލާއިން މިއަދު ވަނީ ނޫސްބަނާނެއް އާންމު ކޮށްފަ އެވެ. އޭގައި ބުނަނީ އެ ގެކޮޅަކީ މައުމޫންގެ ބައްޕާފުޅު އަބްދުލް ގައްޔޫމް ސީދީ މައުމޫނަށް ހިބައިން ދެއްވާފައިވާ ގޯއްޗެއް ކަމަށެވެ.
"މއ. ކިނބިގަސްދޮށުގެ އަކީ އަމިއްލަ ބިމެކެވެ. އެ ބިމުގެ ވެރިފަރާތަކީ އަޅުގަނޑުގެ ބައްޕަ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމެވެ. މި ގޯއްޗަކީ 1973 ވަނަ އަހަރު އަޅުގަނޑުގެ ކާފަ އަޅުގަނޑުގެ ބައްޕައަށް ހިބައިން ދެއްވާފައިވާ ގޯއްޗެކެވެ،" މައުމޫންގެ ދަރިކަލުން އަހްމަދު ފާރިޝް މައުމޫން ސޮއިކުރައްވާ ނެރުއްވާފައިވާ ބަޔާނުގައިވެ އެވެ.
ކިނބިގަސްދޮށުގެ ނެގުމަށް ސިޓީ ކައުންސިލުން ނިންމި ނިންމުމާ ގުޅިގެން ގާނޫނީ ވަކީލުން މެދުވެރިކޮށް ގާނޫނު އަސާސީ އާއި ގާނޫނުތަކުން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގުތައް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ފާރިޝްގެ ބަޔާނުގައި ބުނެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރައްޔިތުންގެ ގޯތިގެދޮރު ނިގުޅައިގަތުމަށް ދައުލަތުގެ މުއައްސަސާއަކުން މަސައްކަތް ކުރާނަމަ އޭގެ އަސަރު ވަރަށް ގިނަ ރައްޔިތުންނަށް ކުރާނެތީ އެކަމާ މައުމޫންގެ އާއިލާއިން ކަންބޮޑުވާ ކަމަށެވެ.
މަޖިލިސް ދޮށުގައި އިއްޔެ ބޭއްވި މުޒާހަރާއެއްގެ ތެރޭގައި ސިޓީކައުންސިލުން ބޭއްވި ބައްދަލުވުމަށް އިޝާރާތް ކުރައްވާ ބަޔާނުގައި ބުނަނީ އެ ނިންމުންތައް ނިންމެވީ އެބޭފުޅުން ހިދުމަތް ކުރައްވަން ތިއްބެވި ރައްޔިތުންނަށާއި ސިޓީ ކައުންސިލްގެ ނަމަށް ވެސް ވަރަށް އިހްތިރާމް ކުޑަ ގޮތަކަށް ކަމަށެވެ.