ގައުމީ ފުޓްބޯޅަ ޓީމުން ރާއްޖޭން ބޭރުގައި ފަރިތަކުރުންތައް ބޭއްވުމަށާއި މެޗުތައް ކުޅުމަށް ކުރާ ދަތުރުތަކަށް، ޓިކެޓަށް ޚަރަދުވާ ފައިސާ ނުހިމަނައި، 77،000 އަށްވުރެ ގިނަ ރުފިޔާ ހަރަދުވާކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

ގައުމީ ޓީމުގެ ކޭމްޕް ތަކުގައި ކެއުމާއި ތިބުމުގެ ކަންކަން ހަމަޖެއްސުމުގައި އެފްއޭއެމްއިން ފަރުވާކުޑަކުރާ ކަމަށް ބުނެ ބައެއް ކުޅުންތެރިންނާ ހަވާލާދީ ރާއްޖޭގެ ބައެއް މީޑީޔާ ތަކުން ފަތުރަމުންދާ ހަބަރާ ގުޅުގެން އެފްއޭއެމްގެ ޖެނެރަލް ސެކެރަޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ، އާންމު ގޮތެއްގައި ގައުމީ ޓީމް ބޭރަށްކުރާ ދަތުރު ތަކުގައި 5000އަށް ވުރެ ގިނަ ޑޮލަރު (77100 ދިވެހރުފިޔާ) އަށް ވުރެ ގިނައިން ހޭދަވާކަމަށެވެ.

"އެއީ އަދި ދަތުރުގެ ޓިކެޓަށް ޚަރަދުވާ ފައިސާ ނުހިމަނައި،" އޭނާ ވިދާޅުވިއެވެ.

ޖަވާ ވިދާޅުވީ އޭނާ މީގެ ކުރިން ގައުމީ ޓީމުގެ މެނޭޖަރަކަށް ހުރި އިރުވެސް އަދި އޭގެ ފަހުންވެސް ގައުމީ ޓީމުގެ އެންމެހާ ކަންކަން އެންމެ ފުރިހަމަ ކޮށް ހަމަޖެއްސުމަކީ އެންމެ ބޮޑަށް އިސްކަންދޭ އެއް ކަން ކަމަަށާއި އަބަދުވެސް މަސައްކަތް ކުރަނީ އެންމެ ފުރިހަމަ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ.

" އާންމުކޮށް ކޭމްޕެއް ކުރާއިރު ޓިކެޓް ލާރި ނުހިމެނޭ ގޮތައް ގާތްގަނޑަކަށް 5000 ޑޮލަރު ހޭދަވާނެ. އެންމެ އިސްކަމެއްދެނީ ގައުމު ތަމްސީލް ކޮށްދޭ ކުޅުންތެރިންނަށް އެންމެ ފުރިހަމައަށް ކަންކަން ހަމަޖެއްސުމަށް،" ޖަވާ ވިދާޅުވިއެވެ.

ގިނަ ދުވަސް ތަކެއް ވަންދެން ފުޓްބޯޅައިގެ އެކި ކަންކަން ހިންގުމާއި ހަވާލުވެހުރި ޖަވާ ވިދާޅުވީ ހުސް ބަނޑާ އަރާމު ނިދި ނުލިބި މެޗެއް ނުކުޅެވޭނެ ކަމަށާއި އެހެން ކަމުން އެފްއޭއެމް ހިންގާ ބައެއްގެ ހައިސިއްޔަތުން އެހުރިހާ ކަމަކަށްވެސް ހާއްސަ އިސްކަމެއް ދީގެން ކުރަމުން ގެންދާ ކަމަށެވެ.

" ކޮންމެ ކުޅުންތެރިއަކަށް ކޮންމެ ކޮންމެ އެއްޗެއް ނުކެވިދާނެ. އެހެންވީމަ އެފްއޭ އިން އެބަދެން 100 ޑޮލަރު ވަރުގެ ޕޮކެޓް މަނީއެއް. އެއީ އަދި މުސާރައިގެ އިތުރަށް. އަދި ހަމަ ނުކެވޭ އެއްޗެސް ހުރެދާނެތީ އަބަދުވެސް ބެކަޕް ފުޑް ގެންދަން،" ޖަވާ ވިދާޅުވިއެވެ.

ގައުމީ ޓީމް މިވަގުތު އޭޝިއަން ކަޕް ކޮލިފައިން ކުޅުމަށް ބޫޓާނަށް ގޮސްފައިވާއިރު ޓީމު ތިބީ އެގައުމުގެ " ފޯ ސްޓާ" ފެންވަރުގެ ހޮޓަލެއްގައެވެ.

ބޫޓާނާ ދެކޮޅަށް މާދަން ރޭ ގައުމީ ޓީމް ނުކުންނައިރު އެ ގައުމަށް ދިޔުމުގެ ކުރިން ގައުމީ ޓީމް ވަނީ ދުބާއީގައި އަފްޣާނިސްތާނާ ދެކޮޅަށް މެޗެއް ކުޅެ ތައިލެންޑްގައި ކޭމްޕް ކޮށްފައެވެ.