11 Jun 2017, 21:55
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބޫޓާނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން، ތައިލޭންޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންދިޔައިރު، ކުޅުންތެރީންގެ ކެއުމާއި އެކޮމަޑޭޝަނާ ގުޅޭގޮތުން ފަތުރަމުން ދަނީ ދޮގު ޚަބަރުތަކެއް ކަމަށް އެފްއޭއެމުން ބުނެފިއެވެ.
ގައުމީ ޓީމާއެކު މިވަގުތު ބޫޓާނުގައި ހުންނެވި، އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަދި ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބް ސަންއަށް މިރޭ ވިދާޅުވީ، ތައިލޭންޑް ކޭމްޕުގައި "ކުޅުންތެރީން ރޯދަ ވީއްލާށާ ހާރުކެއުމަށް ދެނީ ހަމައެކަނި ދަޅުމަހާ ޕާން" ކަމަށްބުނެ ފަތުރަމުންދަނީ "ކަނޑައެޅިގެން ބޮޑު ދޮގެއް" ކަމަށެވެ.
ގައުމީ ޓީމުގެ ބައެއް ކުޅުންތެެރީންނާ ހަވާލާދީ، ކުޅުންތެރީން ތިބެނީ ވަރަށް ހަޑިމުޑުދާރު ތަނެއްގައި ކަމަށާއި، ކެއުމުގެ ކަންކަންވެސް ހަމަޖައްސާފައިވަނީ ވަރަށް ދަށްކޮށްކަމަށް ބުނެ މީޑިއާގައި މިއަދުވަނީ ޚަބަރުތަކެއް ފެތުރިފައެވެ.
ޝަކީބު ވިދާޅުވީ، ތައިލޭންޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ ތައިލޭންޑް ނޭޝަނަލް ފުޓްބޯލް ސެންޓަރުގައި ކަމަށާއި، ކެއުމާއި އެކޮމަޑޭޝަންވެސް ހަމަޖައްސާފައި ވަނީ ހަމަ އެތަނުގައި ކަމަށެވެ.
ކޮންމެ ދެ ކުޅުންތެރިއަކަށް، 25x14 ފޫޓުގެ އެއާކޮންޑިޝަން ކޮޓަރިއެއް ހަމަޖައްސާފައިވާއިރު، ކެއުން ހަމަޖައްސާފައިވަނީ އެތަނުގައި ލިބެންހުރި އެންމެ ރަނގަޅު ކެއުން ކަމަށްވެސް ޝަކީބު ވިދާޅުވިއެވެ.
"ޖޭމް، ބްރެޑް، ބަޓަރ، ޕާސްޓާ، ކުކުޅު، މިލްކް، ޖޫސް، ފްރައިޑްރައިސް، ވައިޓް ސްޓީމްޑް ރައިސް، ބީފް ކަރީ، ތަރުކާރީ ރިހަ، ފްރައިޑް ޗިކަން، ސުޕް، ތެލުލި މަސް، މިއީ ކާން ހުންނަ ތަކެތި، އެކުޅުންތެރިއަކު ބޭނުންވަރަކަށް ކާގޮތަށް ބުފޭއެއް ތައްޔާރުކޮށްފައި ހުންނަނީ،" ޝަކީބު ވިދާޅުވިއެވެ.
"ކެއުން މި އޮންނަނީ ދެ ގަޑީގަ. އެއީ ރޯދަ ވީއްލާ ގަޑިއާއި ހާރުކާ ގަޑި. މީގެ އިތުރުން ފުރުޓްސް، ޓީ، ކޮފީ އަދި ޖޫސް ބޭނުންވަރަކަށް ލިބެން ހުރޭ."

ތައިލޭންޑުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅުންތެރީންނަށް ފަރިތަކުރުންތައް ކުރިއަށް ގެންދަނީ -- ސަން ފޮޓޯ ކިޔުންތެރިއެއް
ތައިލޭންޑް ނޭޝަނަލް ފުޓްބޯލް ސެންޓަރަކީ، ތައިލޭންޑުގެ ގައުމީ ހުރިހާ ޓީމުތަކެއްވެސް ކޭމްޕުކުރާ މަރުކަޒެވެ. މީގެ އިތުރުން، އީރާން، ކޮރެއާ، ވިއެޓްނާމް، ކެމްބޯޑިއާ އަދި ޖަޕާނުގެ ގައުމީ ފުޓްބޯޅަ ޓީމުންވެސް ވަނީ މީގެ ކުރީން މި މަރުކަޒުގައި ކޭމްޕުކޮށް ތަމްރީނުތައް ފުރިހަމަކޮށްފައެވެ.
"މިތަނަށް އަންނަ ހުރިހާ ޓީމުތަކަށްވެސް ކެއުމާއި ހުރުން މި އޮންނަނީ މިތަނުގެ ތެރޭގައި ހަމަޖެއްސޭގޮތަށް. ދެން ތައި ރަހަތަކާއެކު ބައެއް ކުޅުންތެރީންނަށް މިތަނުގައި ހުންނަ ކާނާގެ ރަހަ ރަނގަޅު ނުވަނީ ކަމަށް ވުން އެކަށީގެންވޭ. އެހެން ނަމަވެސް މިތަނުން ހުރިހާ ވަގުތެއްގައި ވެސް ހަމަ ވަރަށް ރަނގަޅަށް ކެއުމުގެ ކަންކަން ހަމަޖައްސައިދީފައި ހުންނާނީ،" ޝަކީބް ވިދާޅުވިއެވެ.
ރާއްޖޭގެ ގައުމީ ޓީމުތަކާއި އަދި ކްލަބުތައްވެސް ބޭރުގައުމުތަކަށް ދާއިރު، ފެލިވަރު މަސްދަޅު ގެންދިއުމަކީ ވަރަށް އާންމު ކަމެކެވެ. އެއީ ބައެއްފަހަރު ބައެއް ގައުމުތަކުން ލިބޭ ކާނާ، ބައެއް ކުޅުންތެރީންނަށް ކަމު ނުދާތީ އެ ފަދަ ހާލަތަކަށް ވެސް ތައްޔާރުވުމުގެ ގޮތުންނެވެ.
"މަސްދަޅުވެސް އެއްވެސް ހިފެހެއްޓުމެއް ނެތި ހުރިހާ ކުޅުންތެރީންނަށްވެސް ބަރާބަރަށް ލިބޭނެ. ދެން މިތަނުގައި ޕާނާ، ދަޅުމަހާ ބަތާ މިހުރިހާ އެއްޗެއްވެސް އެބަހުރި. އޭގެ މާނައަކީ، ހުރިހާ ކުޅުންތެރީން ރޯދަވީއްލަން ދެނީ ނޫނީ ހާރުކާން ހުންނަނީ ހަމައެކަނި މިތަކެއްޗެކޭ ނޫން ދެއްތޯ،" އޭނާ ވިދާޅުވިއެވެ.

ތައިލޭންޑުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅުންތެރީންނަށް ފަރިތަކުރުންތައް ކުރިއަށް ގެންދަނީ -- ސަން ފޮޓޯ ކިޔުންތެރިއެއް
ޝަކީބު އިތުރަށް ވިދާޅުވީ، ތައިލެންޑުގައި ގައުމީ ޓީމުގެ ފަރިތަކުރުންތައް ދިޔައީ ރަނގަޅަށް ކަމަށާއި އެއްވެސް ކުޅުންތެރިއެއްގެ ފަރާތުން އެފަދަ ޝަކުވާއެއް ލިބިފައި ނުވާކަމަށެވެ.
"ޓީމުތެރޭގައި ހަމަނުޖެހުން އުފެއްދުމަށް މިފަދަ ވާހަކަތައް ފެތުރުމަކީ ވަރަށް ދެރަކަމެއް. އަޅުގަނޑުމެން ބަލަނީ އަބަދުވެސް ހުރިހާ ކުޅުންތެރީންނަށްވެސް އެވަގުތަކު ކަންކަން ކޮށްދެވެން އޮންނަ އެންމެ ފުރިހަމައަށް ކޮށްދެވޭތޯ،" އޭނާ ވިދާޅުވިއެވެ.
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބޫޓާނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު ބޫޓާނުގައެވެ. މި މެޗު ކުޅުމަށް މިހާރު ގައުމީ ޓީމު ވަނީ ބޫޓާނަށް ގޮސްފައެވެ.