11 Jun 2017, 21:57
ނިމިދިޔަ މެއި މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް 1.2 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
ދައުލަތުގެ ޓެކްސް އިދާރާ އިން ނެރުނު މެއި މަހުގެ އާމްދަނީގެ ރިޕޯޓު ދައްކާ ގޮތުގައި، މީރާއަށް އާމްދަނީގެ ގޮތުގައި 1,220,658,944 ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި ޑޮލަރުގެ ގޮތުން ލިބުނު 35.2 މިލިޔަން ރުފިޔާވެސް ހިމެނެއެވެ.
މެއި މަހު ވެސް މީރާއަށް ޓެކްސް އާމްދަނީ އިން އެންމެ ގިނައިން ލިބިފައި ވަނީ ޖީއެސްޓީންނެވެ. ޓީޖީއެސްޓީ އިން 386 މިލިޔަން ހިމެނޭ ގޮތަށް، މެއި މަހު ޖުމްލަ 598 މިލިޔަން ރުފިޔާ މީރާއަށް ޖީއެސްޓީ އާމްދަނީ އިން ލިބުނެވެ.
ޖީއެސްޓީގެ އާމްދަނީއާ ޖެހިގެން ދެން އެންމެ ބޮޑު އާމްދަނީއެއް މީރާއަށް ލިބުނީ ބޭންކް ޕްރޮފިޓް ޓެކުހުންނެވެ. އެ ޓެކްސްގެ ގޮތުގައި 317 މިލިޔަން ރުފިޔާ މީރާއަށް ލިބިފައިވެއެވެ.
މެއި މަހު ފީއާއި އެހެނިހެން ޗާޖުތަކުގެ ގޮތުގައި މީރާއަށް 106 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. ލޭންޑް އެކުއިޒިޝަން ފީގެ ގޮތުގައި 16 މިލިޔަން ރުފިޔާ ލިބުނު އިރު، ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި މިދިޔަ މަހު ލިބުނީ ވަރަށް ކުޑަ އަދަދެކެވެ. އެއީ ހަތް މިލިޔަން ރުފިޔާއެވެ.
މިއަހަރުގެ ޖެނުއަރީން މެއި ހަމައަށް ބަލާއިރު، މީރާއަށް ޖުމްލަ 6.89 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅާ ބަލާއިރު ގާތްގަނޑަކަށް ހަތަރު މިލިޔަން ރުފިޔާގެ ކުރިއެރުމެކެވެ.