14 Jul 2011, 15:11
ކޭބަލްޓީވީގެ ހިދުމަތް ދޭ މީޑިއާނެޓުން ގަވާއިދާއި ހިލާފަށް ބްރާޑްކާސްޓް ކުރާކުރުން ވަގުތުން ހުއްޓާލުމަށް މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން ން މިއަދު އެ ކުންފުންޏަށް އަންގައިފި އެވެ.
ބްރޯޑްކާސްޓް މީޑިޔާ އޮޕަރޭޓް ކުރުމަށް ގާނޫނަކުން އުފައްދާފައިވާ ކޮމިޝަނުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނަނީ މީޑިއާނެޓްގެ ފަރާތުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނެތި އަމިއްލަ ކޮންޓެންޓާއި އިޝްތިހާރު ގާނޫނާއި ގަވާއިދާއި ހިލާފަށް ބުރޯޑްކާސްޓްކުރަމުން ގެންދާކަމަށާއި އެކަން ހުއްޓާލުމަށް އެތައް ފަހަރެއްގެ މަތިން އެންގި ނަމަވެސް އެކަމަށް މީޑިއާނެޓުން އިޖާބައެއް ދީފައިނުވާ ކަމަށެވެ.
"... އެކަން ހުއްޓާލުމަށް އެތައް ފަހަރެއްގެ މަތިން އެކުންފުންޏަށް މި ކޮމިޝަނުން އެންގުމުން ވެސް އެކަމަށް ވެސް އިޖާބައެއް ނުދީ ކުރިއަށް ގެންދާކަން މި ކޮމިޝަނުން ހިތާމަޔާއި އެކު ފާހަގަ ކުރަމެވެ،" އެމްބީސީގެ ބަޔާން ބުނެ އެވެ.
މީޑިޔާނެޓުގެ އެ އަމަލުގެ ސަބަބުން ގަވާއިދުން ލައިސަންސް ހޯދައިގެން ބްރޯޑްކާސްޓްކުރަމުން އަންނަ ފަރާތްތަކުގެ ހައްގުތަކެއް އުނިވެ ވިޔަފާރިއަށް ގެއްލުންވާނެތީ ބުރާޑްކާސްޓުކުރުން ވަގުތުން ހުއްޓާލުމަށް މީޑިޔާނެޓަށް އަންގާފައި ވާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
"ދިވެހިރާއްޖޭގެ ބްރޯޑްކާސްޓަރުން ހިމާޔަތް ކުރުމަކީ މި ކޮމިޝަންގެ މައްޗަށް ގާނޫނުން ލާޒިމްކުރާ ކަމަކަށްވާތީ، މީޑިއާނެޓުން ގާނޫނާ ހިލާފަށް ދެއްވަމުން ގެންދަވާ ހިދުމަތަތައް ވަގުތުން ހުއްޓާލެއްވުމަށް މި ކޮމިޝަނުން އަނެއްކާވެސް ވަނީ އަންގާފަ އެވެ." އެމްބީސީގެ ބަޔާނުގައިވެ އެވެ.
މީޑިޔާނެޓުން އަންނަނީ އެ ކުންފުނިން ދެމުން އަންނަ ހިދުމަތްތަކާއި ގުޅޭގޮތުން ޑީކޯޑަރުގެ ޗެނަލް ނަމްބަރު 911 "ހެލްޕް ޗެނަލް" އެއް ބުރޮޑްކާސްޓްކުރަމުންނެވެ.
މީޑިޔާ ނެޓްގެ ޖެނެރަލް މެނޭޗާ އަހުމަދު ޝާހިގު މިއަދު ވިދާޅުވީ ހެލްޕް ޗެނަލްގެ މައްސަލައިގާ އެމްބީސީ އާއި އެކު މަޝްވަރާ ކޮށްފައިވާކަމަށާއި އެމްބީސީން އެ ކުންފުނީގައި އެދުނު ކަންތައްތައް ހެލްޕްޗެނަލްގައި އިސްލާހުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނޭންގޭ ކޮންކަމެއް ކަމެއް މިހާރު ބުރޯޑްކާސްޓިންއަށް ނުފެތޭ ކަމަށް އެ ވިދާޅުވަނީ. އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އެބޭފުޅުން ވިދާޅުވި ކަންކަން އިސްލާހުކޮށްފައި ހުންނާނީ،" ޝާހިގު ވިދާޅުވި އެވެ.
އެމްބީސީގެ އެންގުން މިހާރު މީޑިޔާނެޓަށް ލިބިފައިވާ ކަމަށާއި އެމްބީސީ އާއި އެކު ވާހަކަދައްކައިގެން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝާހިގު ވިދާޅުވި އެވެ.
"އެ ސިޓީ އާއި ގުޅިގެން އަޅުގަނޑުމެންނަށް އަދި މި އުޅެނީ އެމްބީސީ އާއި ނުގުޅިގެން. އެބޭފުޅުންނާއި ގުޅުނީމާ އަޅުގަނޑުމެން އެބޭފުޅުންނާ އެކަމުގައި މަޝްވަރާއަކަށްދާނީ. އަޅުގަނޑުމެން އެކަން މަޝްވަރާކޮށްގެން ހައްލުކުރަން މަސައްކަތް ކުރާނީ،" ޝާހިގު ވިދާޅުވި އެވެ.