11 Jun 2017, 15:10
ބޮލަގަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓު ޔާމިން ރަޝީދު މަރާލުމުގެ ފަހަތުގައި ފޮރުވިފައިތިބި ބަޔެއް ހޯދުމަށް ފުލުހުންނަށް ބާރު އަޅައި ދިނުމަށް އެދި ޔާމީން ރަޝީދުގެ އައިލާގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގައި އެދިއްޖެ އެވެ.
ޔާމީން ރަޝީދަށް ހަމަލާދީ، އޭނާ މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރިން، މިދިޔަ އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު އެވެ. އޭނާގެ މަރަށް މިއަދަށް 50 ދުވަސް ހަމަވިއިރު، އެ މައްސަލާގައި ފުލުހުން ވަނީ މިހާތަނަށް ހަތް މީހަކު ހައްޔަރު ކޮށްފަ އެވެ.
ނަމަވެސް އޭގެން އެއްވެސް ތަފްސީލެއް އަދި ހިއްސާކޮށްފައެއް ނުވެ އެވެ.
ޔާމީން ރަޝީދުގެ އާއިލާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޔާމީންގެ މަރަށް އިންސާފު ހޯދުމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް އެދި ޔާމީންގެ އާއިލާ އާއި އެކުވެރިންނާއި ހެޔޮއެދޭ ފަރާތްތަކުން 456 ސިޓީ އެޗްއާރުސީއެމްއަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
ޔާމީން ރަޝީދުގެ އާއިލާ އިން އެޗްއާރުސީއެމްއަށް ހުށަހެޅި ސިޓީގައި، ޔާމީން މަރުގެ ކަން ހިނގި ގޮތް ބަލައި، އެ މައްސަލާގައި އެ މުއައްސަސާގެ ގާނޫނީ ޒިންމާ އަދާކުރުމަށް ގޮވާލާފައިވެ އެވެ.
އަދި ޔާމީން ރަޝީދުގެ މަރާލުމުގެ ކުރިން އޭނާއަށް ދީފައިވާ އިންޒާރުތައް ފުލުހުންނަށް ހުށަހެޅި ނަމަވެސް، އެދެވޭ ގޮތެއްގައި އެ މައްސަލަތައް ބަލާފައިނުވާތީ، އެކަން ތަހުގީގު ކުރުމުގައި ފުލުހުން އިން އިހުމާލުވެފައިވޭތޯ ބަލައިދިނުމަށް އެޗްއާރުސީއެމްގައި އެދިފައިވެ އެވެ.
"އާއިލާގެ އެދުމަކީ، މި ސިޓީތަކުގައި އެދިފައިވާ ފަދައިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ގާނޫނީ ޒިންމާ އަދާކޮށް، ދިވެހިރާއްޖޭގައި އުފެދިފައިވާ ބިރުވެރިކަމާއި މީހުންނަށް އިންޒާރުދިނުމާއި މެރުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަށްޓަކާ އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމެވެ،" ޔާމީން ރަޝީދުގެ އައިލާ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ޔާމީން ރަޝީދުގެ މަރާ ގުޅިގެން ފުލުހުން އެންމެ ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން އެ އަމަލު ހިންގިކަން ކަށަވަރު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ.
އަދި އެ މައްސަލާގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.