ތެހެރާން (ޖޫން 11) : ގަތަރަށް ބޭނުންވާ ތަރުކާރީ އާއި މޭވާ ފޯރުކޮށްދިނުމަށް ޓަކައި އީރާނުން ގަތަރަށް ވައިގެ ޚައްސަ ލައިންއެއް ގާއިމްކޮށްފި އެވެ.

އީރާނުގެ ރަސްމީ ފަރާތްތަކާ ހަވަލާދީ އެގައުމުގެ "ތަސްނީމް" ނޫސްއެޖެންސީ ބުނާގޮތުން ގަތަރަށް ކުރާ ޚާއްސަ ދަތުރުތައް ކުރަނީ ގަތަރުގެ އެދުމުގެ މަތިން އީރާނުގެ ޝީރާޒް ސިޓީގެ އިންޓަނޭޝަނަލް އެއާޕޯޓުން ގަތަރުގެ ދަވްޙާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އީރާނަކީ ސައޫދީއާއި ޔޫއޭއީ އާއި ބަހްރައިން ފިޔަވައި ދެން ގަތަރާ އެންމެ އަވަށްޓެރި ގައުމެވެ.

އީރާނުގެ ފާރިސް ޕްރޮވިސްގެ އިންޑަސްޓްރީ އެންޑް ކޮމާސް އޮތޯރިޓީގެ ވެރިޔާ އަލީ ހިއްމަތީ ވިދާޅުވީ ދުވާލެއްގެ މައްޗަށް ސަތޭކަ ޓަނުގެ މޭވާއާއި ތަރުކާރީ ވައިގެ މަގުން ފޮނުވައިދިނުމަށް ގަތަރުން ރަސްމީކޮށް ވަނީ އެދިފަ އެވެ. މިތަކެތި އެތެރެކުރާނީ އީރާނުގެ ގައުމީ އެއާލައިން ކަމަށްވާ އީރާން އެއާގެ ކާގޯ މަތިންދާބޯޓުތަކުންނެވެ. ދަނޑުވެރިކަމުގެ އެހެން ބާވަތްތަކާއި ގަތަރަށް ބޭނުންވާ އެނޫންމުދާ ގަލްފުގައިވާ އީރާނުގެ ބަނދަރެއްކަމަށްވާ ބޫޝަހެރު ބަނދަރުން ގަތަރަށް އެކްސްޕޯޓް ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ގަތަރުގެ ކަނޑުގެ ބަނދަނރަށް ސީދާގޮތެއްގައި ބޯޓުތައް އައިސްގެންވެސް މުދާ އެތެރެކުރާނެ އެވެ.

އީރާނުގެ ފާރިސް ޕްރޮވިސަކީ ދަނޑުވެރިކަމުގެ ޕްރޮވިންސެކެވެ. އީރާނުން ވަނީ އެގައުމުގެ ކަނޑުގެ ތިން ބަނދަނރެއް ގަތަރަށް ބޭނުންވާ އެކިބާވަތުގެ މުދާ އެކްސްޕޯޓްކުރުމަށް ޚާއްސަކޮށްދީފަ އެވެ. މިއީ އީރާނަށް ލިބޭ ވިޔަފާރީގެ ވަރަށް ބޮޑު ފުރްސަތުތަކެއް ކަމަށް އެގައުމުން ބުނެ އެވެ.

ގަތަރާ އެއްގަމު މަގުން ގުޅިފައިވާ ހަމައެކަނި ގައުމަކީ ސައޫދީ ކަމުން ގަތަރަށް ބޭނުންވާ މޭވާއާއި ތަރުކާރީއާއި ދަނޑުވެރިކަމުގެ އެހެން ބާވަތްތަކުގެ 40 ޕަސެންޓް މިހާތަނަށް އެތެރެކުރަމުން ގެންދިޔައީ އެއްގަމު މަގުން ސައޫދީ އަރަބިޔާއިންނެވެ. ގަތަރާއި ސައޫދީގެ ސަރަހައްދީ ރޮނގުގައިވާ "އަބޫސަމްރާ ކްރޮސިން" ހުރަސްކޮށެވެ.

މީގެ އިތުރުން ގަތަރަށް ބޭނުންވާ މޭވާއާއި ތަރުކާރީގެ އެހެން ބާވަތްތަކާއި އެނޫންމުދަލުގެ ބޮޑުބައެއް އެތެރެކުރަމުން ދިޔައީ ޔޫއޭއީގެ ދުބާއި އިންނެވެ.

ނަމަވެސް ސައޫދީއާއި ޔޫއޭއީ އާއި ބަހްރައިން އިން ގަތަރާ ދެކޮޅަށް އެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ސައޫދީ އާއި ޔޫއޭއީ މެދުވެރިކޮށް މިތަކެތި އެތެރެކުރުންވަނީ ހުއްޓިފަ އެވެ. ދެން ދަނޑުވެރިކަމުގެ ބާވަތްތައް އުފައްދާ ބޮޑެތި ގައުމުތަކުގެ ތެރެއިން ތުރުކީ އަށްބަލާއިރު ތުރުކީ ގަތަރާ ދުރުކަމުން ވައިގެ މަގުން މޭވާއާއި ތަރުކާރީ ތުރުކީން އެތެރެކުރުމުން އީރާނުން އެތެރެކުރާ ތަރުކާރީއާއި މޭވާއަށްވުރެ ދެގުނަ އަގުބޮޑުވެ އެވެ.

އެހެންކަމުން ގަތަރަށް ބޭނުންވާ މޭވާއާއި ތަރުކާރީއާއި ދަނޑުވެރިކަމުގެ ބާވަތްތަކުގެ ގާތްގަނޑަކަށް 80 ޕަސެންޓް ވައިގެ މަގުންނާއި ކަނޑުގެ މަގުން އިންޕޯޓް ކުރަނީ އީރާނުން ކަމަށް ޚަބަރުތައް ބުނެ އެވެ. (އާރުޓީ)