ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު ނުވައަކުން 11 އަށް ބަދަލު ކުރަން ދިވެހި ރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ އެ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ކޯޓުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގައި މިހާރު ބުނެފައި ވަނީ ހައިކޯޓަށް އައްޔަން ކުރެވޭނީ އެ ކޯޓުގެ އިސް ފަނޑިޔާރާ އެކު ޖުމްލަ ނުވަ ފަނޑިޔާރުން ކަމަށެވެ.

ފަލާހު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ކޯޓުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގައި ބުނާ ނުވަ ފަނޑިޔާރުންގެ އަދަދު 11 އަށް ބަދަލު ކުރުމަށެވެ.

އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ފަލާހު ވިދާޅުވީ ހައިކޯޓުގެ އުތުރާއި ދެނުކުގައި ގާއިމްކޮށްފައިވާ ގޮފިތަކަށް ފަނޑިޔާރުންގެ ދަތިކަން ހުރުމުން ކަމަށެވެ.

ހައި ކޯޓުގައި ތިބި ނުވަ ފަނޑިޔާރުންގެ ތެރެއިން ހައިކޯޓުގެ ދެކުނު ގޮތްޕަށް ވަނީ ތިން ފަނޑިޔާރަކު އައްޔަން ކުރައްވާފަ އެވެ. އޭގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ފަނޑިޔާރު ކަމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އަދި ހައިކޯޓު ފަނޑިޔާރު ކަމުގައި ހުންނެވި ފަނޑިޔާރު އައްބާސް ޝަރީފް ރިޓަޔަ ކުރެއްވުމާ ގުޅިގެން މިހާރު ހައިކޯޓުގައި ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ.