ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގިނަ ކެނޑިޑޭޓުންތަކެއް ނެރުމުން އިދިކޮޅު ފަރާތްތަކަށް ގެއްލުމެއް ނެތް ކަމަށާއި ގިނަ ކެނޑިޑޭޓުން ނެރެފިނަމަ ރައީސް ނަޝީދަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ރޭ ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން 2013 ރިޔާސީ އިންތިހާބުގައި އެންމެ ކެންޑިޑޭޓަކު ނެރޭނަމަ ރައީސް ނަޝީދަށް ގިނަ ވޯޓް ލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ނަމަވެސް ގިނަ ކެނޑިޑޭޓުން ވާދަކުރައްވާނަމަ ރައީސް ނަޝީދާމެދު ހިތްހަމަ ނުޖެހޭ ކޮންމެ މީހަކު ވެސް ވޯޓްލާނީ އިދިކޮޅު ކެނޑިޑޭޓުންނަށް ކަމަށާއި އެހެން ކަމުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދަށް ކާމިޔާބު ކުރުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.

")ގިނަ ކެނޑިޑޭޓުން ނެރުމުން( ހަމަގައިމުވެސް އެއަކުން ގެއްލުމެއް ނެތް. ބައެއް ބޭފުޅުން އެބަ ވިދާޅުވޭ އިދިކޮޅު އެއް ކެނޑިޑޭޓަކު ފުރަތަމަ ބުރުގައި ހުރެއްޖެއްޔާ 50 ޕަސެންޓް ހޯދަން )ރައީސް ނަޝީދަށް( އުނދަގޫވާނެއޭ. އަޅުގަނޑު ގަބޫލު ކުރަނީ އޭގެ އަނެއް ކޮޅަށް. އެއީ )އިދިކޮޅު( އެއް ކެނޑިޑޭޓަކު ހުރެއްޖެއްޔާ އެމީހަކު ދެކެ ހިންހަމަ ނުޖެހޭ މީހަކު ރައީސް ނަޝީދަށް ވޯޓް ލުމުގެ ފުރުސަތު ބޮޑު. ގިނަ ކެނޑިޑޭޓުން ތިބެއްޖެއްޔާ ރައީސް ނަޝީދަށް ހިންހަމަނުޖެހޭ ކޮންމެ މީހަކު އެމީހަކު ގަބޫލު ކުރާ ކެނޑިޑޭޓަކު ހުންނެ،" 2008 އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މައުމޫންގެ ރަނިންމޭޓްކަށް ނުކުންނަވައި ނާކާމިޔާބުވެ ވަޑައިގެންނެވި ތަސްމީން ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ އިދިކޮޅު ކެނޑިޑޭޓަކު އަންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފިނަމަ ރައީސް ނަޝީދުގެ ސަރުކާރަށް ތާއީދު ނުކުރާ ހުރިހައި އެންމެން ތާއީދު ކުރާނީ އެ ކެނޑިޑޭޓަކަށް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުގެ މެދުގައި ޕްރައިމަރީއެއް ބާއްވައިގެން ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ތާއީދު ކުރާ ކަމަށް މައުމޫންގެ ކޮއްކޯފުޅު އަދި ޕީއޭގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެފައި ވާތީ ތަސްމީން ވިދާޅުވީ އިދިކޮޅު ވަކި ކެނޑިޑޭޓަކު ނެރުން އެއީ "ކޮންމެހެން ބޭނުން ކަމެއް ނޫން" ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު އެކަމަށް ފުރުސަތު ދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ޑީއާރްޕީގެ އެތެރޭގެ ކޯޅުންތައް ހައްލުކުރުމަށް ކައުންސިލަރުންތަކެއް އިސް ނަގައިގެން ފަށާފައިވާ ސުލްހައިގެ ވާހަކަތަކުގައި ޒައީމް މައުމޫން އާއި ތަސްމީން އެއް މޭޒެއްގެ ދޮށުން ފެނިގެން ހިގައިދާނެތޯ ކުރި ސުވާލަށް ތަސްމީން ވިދާޅުވީ ސުލްހައިގެ ވާހަކަތަކުގައި މައުމޫން ވާހަކަފުޅު ދައްކަވަން ބޭނުންފުޅު ވާނަމަ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ކޮމެޓީތަކަށް މެންބަރުން ބެހުމުގެ މަޝްވަރާތަކުގައި ޑީއާރްޕީގެ ފަރާތުން ބައިވެރިވެ ވަޑައިގެނެވި ތަސްމީން ސަރުކާރާއެކު "ޑީލް" ތަކެއް ހައްދަވާފައިވާ ކަމަށް ޒެޑް ޑީއާރްޕީން ބުނަމުންދާތީ ތަސްމީން ވިދާޅުވީ ކޮމެޓީތަކުގެ މައްސަލަ ނިންމާފައި ވަނީ ހުރިހައި ޕާޓީތަކުގެ ލީޑަރުން އެއްބަސްވާ ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ޑީއާރްޕީން ކޮންމެ ކަމެއް މަޖިލީހުގެ ތެރެއިން އަދި އެހެނިހެން ގޮތަކުން ކުރިއަސް ޒެޑް ފެކްޝަންގެ ތުހުމަތަކީ "ޑީލް" ހެއްދެވުން ކަމަށާއި "ޑީލް"ގެ ވާހަކަތަކާ ގުޅިގެން މަޖިލީހުގައި އިދިކޮޅު ފަރާތްތައް ބަލިކަށިވާނެ ކަމަށެވެ.

"އަޅުގަނޑު ދެރަވަނީ އެވާހަކަތައް ކޮންމެ ކަމެއްގައި ވެސް ވަކި ބަޔަކު ދައްކާތީ. އޭގެ ނަތީއްޖާއަކީ ކޮބައިތޯ؟ އޭގެ ނަތީއްޖާއަކަށް ވަނީ އިދިކޮޅު ފަރާތްތައް ވީކު )ބަލިކަށި( ވުން. އެއީ ހަމަ ކޮންމެ ކަމެއްގައި ވިޔަސް ޑީލެއް، އެންމެ ކަމެއްގައި އެއްބަސް ވިޔަސް އޭއީ އަބަދު ވެސް ޑީއާރްޕީގެ ލީޑާޝިޕުން ޑީލް ހެއްދެވި ކަމަށްވަނީ،" މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރާ ހަވާލު ކުރުމުގައި ވެސް ޑީލް ހެއްދެވިކަމުގެ ތުހުމަތު އަޅުވާފައިވާ ތަސްމީން ރޭ ވިދާޅުވި އެވެ.