ވޮޝިންޓަން (ޖޫން 11) : ބޯލްޓިކް ކަނޑުގައި އެމެރިކާއިން ކުރިޔަށްގެންދިޔަ ވައިގެ ތަމްރީންތަކަކަށް ރަޝިޔާގެ ބިޔަ އަސްކަރީ ބޯޓަކުން ހުރަސްއަޅައިފި އެވެ.

މިކަން ހާމަކުރަމުން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނީ ބޯލްޓިކް ސަރަހައްދުގައިވާ އެމެރިކާގެބައެއް ބައިވެރި ގައުމުތަކާއެކު ވައިގެ ތެރޭގައި ހިންގަމުން ގެންދިޔަ ތަމްރީންތަކެއްގައި ބައިވެރިވި އެމެރިކާގެ ދެ ފައިޓަރ ޖެޓަށް ރަޝިޔާގެ ސޫ 27 ފްލެންކަރ މަރުކާގެ އަސްކަރީ މަތިންދާ ބޯޓަކުން ހުރަސްއެޅުމުގެ ސަބަބުން އެ ދެ ބޯޓު އައިކޮޅަށް އެނބުރި ގޮސްފައިވާ ކަމުގަ އެވެ. ރަޝިޔާއިން ހުރަސްއެޅި އެމެރިކާގެ ދެ ފައިޓަރ ޖެޓަކީ އެފް15ގެ މަރުކާގެ ދެބޯޓެވެ.

ބޯލްޓިކް ސަރަހައްދުގައި އެމެރިކާގެ ދެބޯޓަށް ރަޝިޔާގެ ފްލަންކަރ އިން ހުރަސްއަޅާ މަންޒަރު ދައްކައިދޭ ފޮޓޯއެއް

ރަޝިޔާއިން މިކަންކުރީ ބައިނަލްއަގްވާމީ ވައިގެ ސަރަހައްދުގައި ކަމަށާއި ނަމަވެސް މިކަމުގެ ސަބަބުން ތަމްރީންތަކަށް މާބޮޑު ހުރަހެއް ނޭޅޭ ކަމަށް ޕެންޓަގަން އިން ބުނެއެވެ. ރަޝިޔާއިން މިކަމާބެހޭގޮތުން ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް ރަޝިޔާގެ މަސްއޫލުވެރިއަކާ ހަވާލާދީ އެގައުމުގެ މީޑިޔާ ބުނާގޮތުން އެމެރިކާގެ ދެ ފައިޓަރ ޖެޓަށް ހުރަސްއެޅީ ރަޝިޔާގެ ސަރަހައްދީ ރޮނގާ ދިމާއަށް މިސްރާބު ހުރުމުންނެވެ. ބޯލްޓިކް އޮޕަރޭޝަންސްގެ ނަމުން ނަންދީފައިވާ އެ ތަމްރީންތަކަކީ ބޯލްޓިކް ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމުގެ ތަމްރީންތަކެއް ކަމަށް އެމެރިކާ ބުނެއެވެ.

ބޯލްޓިކް ކަނޑުގައި އެމެރިކާ އިސްވެ އޮވެގެން ހިންގި މި ތަމްރީންތަކުގައި ބައިވެރިވެފައިވަނީ އެމެރިކާގެ އިތުރުން އިސްޓޯނިޔާ، ލެޓްވިޔާ އަދި ލިޓުއޭނިޔާއެވެ. މިތިން ގައުމަކީ ރަޝިޔާ ލީޑްކުރި ކުރީގެ ސޮވިއެޓް ޔުނިޔަން ގައި ހިމެނުނު ގައުމުތަކެވެ. ނަމަވެސް ސޮވިއެޓް ޔުނިޔަން ރޫޅިގެންދިޔުމުން މިގައުމުތަކަށްވަނީ މިނިވަންކަން ލިބިފައެވެ. (ނޫސްއެޖެންސީތައް)