ތަރާބުލުސް (ޖޫން 11): ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފް އަލް އިސްލާމް ޖަލުން މިނިވަންކޮށްފި އެވެ.

ފާއިތުވި ހަ އަހަރުވަންދެން ސައިފް ހައްޔަރުކޮށްފައި ބެހެއްޓި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަބޫ ބަކުރު އަލް ސިއްދީގު ބެޓާލިއަން އިން ބުނި ގޮތުގައި އިއްޔެ އޭނާ މިނިވަން ކުރީ ލީބިޔާގެ އިރުމަތީގައި އޮންނަ 'ވަގުތީ ސަރުކާރު'ގެ އެދުމުގެ މަތިންނެވެ.

ނަމަވެސް އެގައުމުގެ ހުޅަނގުގައި އޮންނަ އދ.އިން ތާއިދު ކުރާ ގަވަމެންޓް އޮފް ނެޝަނަލް އެކޯޑުގެ ކޯޓަކުން ވަނީ 2015 ވަނަ އަހަރު ސައިފްގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް މަރުގެ ހުކުމްކޮށްފަ އެވެ.

އަދި އިންސާނިއްޔަތާ ޚިލާފަށް ޖަރީމާތަކެއް ހިންގި ކަމުގެ ތުހުމަތުގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވެސް ވަނީ ސައިފު ހޯދުމަށް އަމުރުކޮށްފަ އެވެ. ނަމަވެސް 2011 ވަނަ އަހަރު ގައްޒާފީގެ ވެރިކަން ވެއްޓުނުތާ ތިން މަސް ފަހުން ސައިފް ހައްޔަރު ކުރި އަބޫ ބަކުރު އަލް ސިއްދީގު ބެޓާލިއަން އިން ވަނީ އޭނާ އެކޯޓާ ހަވާލު ކުރަން ދެކޮޅު ހަދާފަ އެވެ.

ލީބިޔާގެ ނޫސްތަކުގައިވާ ގޮތުން ސައިފް މިހާރު ހުންނެވީ އޭނާގެ އާއިލާގެ މެމްބަރުންނާ އެކު އަލް ބައިދާގައި އެވެ. (ބީބީސީ)