ޝާހްރުކް ޚާންގެ 'ޖަބް ހެރީ މެޓް ސޭޖަލް' އަދި އަކްޝޭގެ 'ޓޮއިލެޓް: އެކް ޕްރޭމް ކަތާ' އެއް ދުވަހެއްގައި ރިލީޒް ކުރަން ހަމަޖެހިފައި އޮތް ނަމަވެސް، ޝާހުގެ ފިލްމު ރިލީޒް ކުރާ ތާރީޚު ބަދަލުކޮށްފި އެވެ.

ކުރިން ދެ ފިލްމު ވެސް ރިލީޒް ކުރުމަށް ނިންމާފައި އޮތީ އަންނަ އޯގަސްޓު މަހުގެ 11 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް ޝާހުގެ ފިލްމު ރިލީޒް ކުރާނީ އޯގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

'ޓޮއިލެޓް' އަށް ވުރެ ހަފްތާއެއް ކުރިން ޝާހުގެ ފިލްމު ރިލީޒް ކުރާ އިރު، އެ ފިލްމުގެ ޕޯސްޓަރު މިހާރު ވަނީ ދައްކާލައިފަ އެވެ. އިމްތިއާޒް އަލީ ޑައިރެކްޓު ކޮށްފައިވާ އެ ފިލްމުގައި ޝާހު އާ އެކު ލީޑު ރޯލުން ފެނިގެން ދާނީ އަނުޝްކާ ޝަރްމާ އެވެ.

އަކްޝޭގެ 'ޓޮއިލެޓް' ގެ ޓްރެއިލަރ މިއަދު ރިލީޒް ކުރުމަށް ހަމަޖެހިފައި ވާއިރު، އެ ފިލްމާ މެދު ވަރަށް ބޮޑު އުންމީދުތަކެއް ކުރެވެ އެވެ.

އިންޑިއާގެ ފަގީރު ހިސާބުތަކުގައި ފާޚާނާތައް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައި އުފައްދާފައިވާ ފިލްމަކ ީއިންޑިއާ އަށް ވަރަށް މުހިންމު ފިލްމެއް ކަމަށާއި، ފިިލްމަށް ރަނގަޅު ތަރުހީބެއް ލިބޭނެ ކަމަށް ގަބޫލު ކުރާ ކަމަށް އަކްޝޭ ވެސް ވަނީ ބުނެފަ އެވެ.

ޝްރީ ނާރާޔަން ސިންގް ޑައިރެކްޓު ކޮށްފައިވާ އެ ފިލްމުގައި އަކްޝޭ އާ އެކު ފިލްމުން ފެނިގެން ދާނީ ބޫމީ ޕެދްނޭކަރު އެވެ.