11 Jun 2017, 11:02
ދިވެހިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ޑްރާމާ ސިލްސިލާ، 'އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން'ގެ ތިން ވަނަ ސީޒަން އަންނަ ޖުލައި މަހުގެ ތިން ވަނަ ދުވަހު ދައްކަން ފަށާނެ ކަމަށް ސްޓާ ޕްލަސް އިން ބުނެފި އެވެ.
ބަރުން ސޮބްތީ އަދި ސަނާޔާ އިރާނީ ލީޑު ރޯލުން ފެނިގެން ދިޔަ އެ ސީރީޒް އަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އިރު، ސީރީޒް އަލުން ޓީވީ އަށް އައުމަކީ 'ޚުށީ ކުމާރީ ގުބްތާ' އަދި 'އަރްނަމް ސިންގް ރާއިޒާދާ'ގެ ސަޕޯޓަރުންނަށް ލިބިގެން ދިޔަ ވަރަށް އުފާވެރި ޚަބަރެކެވެ.
އެހެން ނަމަވެސް 'އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން 3' އިން ބަރުން އާއެކު ފެނިގެން ދާނީ ޝިވާނީ ތޯމަރު އެވެ. ތިން ވަނަ ސީޒަން އިން ސަނާޔާ ނުފެންނާތީ، އެކަމާ ދެކޮޅަށް ވަނީ ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އަދި ޑްރާމާ އިން ސަނާޔާ ނުފެންނަ ނަމަ، ޝޯވ ބޮއިކޮޓް ކުރާނެ ކަމަށް ވެސް ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.
ސަޕޯޓަރުން ބިރުދެއްކުމަށް ނުބަލައި، ޝޯ އުފައްދާ ފަރާތުން މިހާރު ވަނީ ބަރުން އަދި ޝިވާނީ އާ އެކު ޝޯ ކުރިއަށް ގެންދަން ނިންމައިފަ އެވެ.
މިއީ އެ ޝޯވ އަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ޚަބަރެއް ނަމަވެސް، ސްޓާ ޕްލަސް އިން ގެނެސްދޭ 'ޕަރްދޭސް މޭ ހޭ މޭރާ ދިލް'ގެ ސަޕޯޓަރުންނަށް ހިތާމަވެރި ޚަބަރަކަށް ވެގެން ދާނެ އެވެ.
'އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން 3' އާ އެކު 'ޕަރްދޭސް' ހުއްޓާލަން މިވަނީ ނިންމައިފަ އެވެ. ކުރިން ބެލެވިފައި އޮތީ 'ޕަރްދޭސް' ދައްކާ ގަޑި ބަދަލު ކުރާނީ ކަމަށެވެ. އެހެން ނަމަވެސް އެ ޝޯގެ ރޭޓިންގސް އެހާ ރަނގަޅު ނުވުމުން، މިހާރު ވަނީ ޝޯވ މުޅިން ހުއްޓާލަން ނިންމައިފަ އެވެ.
އެހެންކަމުން ޖުލައި ތިން ވަނަ ދުވަހުން ފެށިގެން ދްރަޝްތީ ދަމީ އަދި އަރްޖުން ބިޖްލާނީގެ ޝޯވ 'ޕަރްދޭސް' ދައްކާ ގަޑީގައި، ދައްކަން ފަށާނީ 'އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން 3' އެވެ.