މާލޭ ސިޓީ ކައުންސިލުން އިއްޔެ މަގުމަތީގައި ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި ދައުލަތަށް ނަގަން ނިންމާފައިވާ މއ. ކިނބިގަސްދޮށުގެ އަކީ، އެ ކައުންސިލުން އިއްޔެ ފާސް ކުރި ގަރާރުގައިވާ ފަދައިން ބަންޑާރަ ބިމެއް ނޫން ކަމަށް ސަން އަށް ކަށަވަރު ވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން ކިނިބިގަސްދޮށުގެ ދައުލަތަށް ނަގަން ނިންމައި އިއްޔެ ފާސްކުރި ގަރާރުގައި ބުނާ ގޮތުގައި ކިނބިގަސްދޮށުގޭ ގޯއްޗަކީ ބަންޑާރަ ބިމެކެވެ. އަދި މި ކަމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ސަމާހު ސަން އަށް އިއްޔެ ދެއްވި އިންޓަވިއުގައި ވެސް ވިދާޅުވެފައި ވަނީ އެއީ ބަންޑާރަ ގޯއްޗެއް ކަމަށެވެ.

ސަން އިން މިހާ ތަނަށް ކުރި މަސައްކަތުން އެނގިފައިވާ ގޮތުގައި ކިނބިގަސްދޮށުގޭ ގޯއްޗަކީ، ކުރީގެ ރައީސް އަލްއުސްތާޒް މައުމޫނު އަބްދުލް ގައްޔޫމަށް އެ މަނިކުފާނުގެ ބައްޕާފުޅު، އަލް މަރުހޫމް އައްޝެއިޚް ޢަބްދުލް ގައްޔޫމް އިބްރާހީމް ހިބައިން ދެއްވާފައިވާ ބިމެކެވެ.

ސަން އަށް ކޮޕީ ލިބިފައިވާ ކިނބިގަސްދޮށުގޭ ގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގައި ބަޔާން ކޮށްފައިވާ ގޮތުގައި އެ ގޯތީގެ ބާވަތަކީ "އަމިއްލަ" އެވެ.
ސަން އިން މިހާ ތަނަށް ކުރި މަސައްކަތުން އެނގިފައިވާ ގޮތުގައި، މި ގޯއްޗާ ގުޅޭ މައްސަލައެއް ނަވާރަ ސަތޭކަ ނުވަދިހައިގެ ފަހުކޮޅުގައި ޝަރީއަތުގައި، އޭރުގެ ކޯޓު ނަންބަރު ހަތަރެއްގައި ހިންގާފައިވެ އެވެ. މި މައްސަލަ އޭރު ނިންމެވި ގާޒީ، އަހުމަދު ސޯލިހު އިބްރާހީމް )މިހާރު ރިޓަޔަ ކުރައްވާފައި( މިއަދު ވިދާޅުވީ އެ މައްސަލައިގައި އޭރު ދައުލަތުގެ ފަރާތުން މައްސަލަ ހުށަހަޅުއްވާފައި އޮތީ އެ ގޯތި ބަންޑާރަ ކުރަން ކަމަށާއި އެހެން ނަމަވެސް، އެއީ މައުމޫން އަބްދުލް ގައްޔޫމުގެ ގޯއްޗެއްކަން އޭރު ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުނު ލިޔެކިޔުންތަކުން އެނގޭތީ އެ ގޮތަށް ނިންމެވީ ކަމަށެވެ.

"އެ ލިޔެކިޔުންތަކުގެ ތެރޭގައި މައުމޫނުގެ ބައްޕަ އެ ގޯތި މައުމޫނަށް ހިބައިން ދީފައިވާ ކަމުގެ ލިޔުން ވެސް ހިމެނޭ،" އަހުމަދު ސޯލިހު ވިދާޅުވި އެވެ.

ކިނބިގަސްދޮށުގެ ގޯތި ދައުލަތަށް ނެގުމާ ގުޅޭ ގޮތުން ގާނޫނީ ބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތު ވެފައި ވާ އިރު، ރައީސް ނަޝީދުގެ ސަރުކާރުގެ އެންމެ ފަހުގެ އެޓާނީ ޖެނެރަލް ހުސްނު ސުއޫދު އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ލިޔުއްވާފައި ވަނީ "މީހުންގެ މުދަލަކީ ހުރުމަތްތެރި ވެގެންވާ އެއްޗެއް ކަމަށާއި މައުމޫނުގެ ގޯތި ދައުލަތަށް ނަގަން ސިޓީ ކައުންސިލުން ނިންމި ނިންމުން ކުށްވެރި ކުރައްވާ" ކަމަށެވެ.

ކިނބިގަސްދޮށުގެ ނެގުމާ ގުޅޭ ގޮތުން ކައުންސިލުން ނެރުނު ގަރާރުގައި ބުނެފައިވަނީ، އެ ގެ ނެގުމަށް ނިންމާފައިވަނީ ލާމަރުކަޒީ ގާނޫނުގެ 41 ވަނަ މާއްދާގެ ލ. އިން އެ ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށެވެ. އެ މާއްދާގައި ބުނަނީ، މީހުންގެ އަމިއްލަ ބިންތަކާއި މުދާ އާންމު ބޭނުމަކަށްޓަކައި ކޮންމެހެން ނަގަން ޖެހިއްޖެ ނަމަ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަދުލުވެރި ބަދަލު ދިނުމަށް ފަހު ނެގޭނެ ކަމަށެވެ.

ސިންގަޕޫރުގައި ހުންނަވައިގެން ފޯނުން ސަން އަށް ދެއްވި އިންޓަވިއު އެއްގައި ސުއޫދު ވިދާޅުވީ، ގާނޫނުގައި ބިންތަކާއި މުދާތައް އާންމު ބޭނުން ތަކަށް ނެގޭނެ ކަމަށް ބުނާތީ އެ ގޮތުގެ މަތީން ކިނބިގަސްދޮށުގެ ނަގަނީ ކަމަށް ސިޓީ ކައުންސިލުން ބުނާ އިރު، ސިޓީ ކައުންސިލުގެ އިއްޔެގެ ޖަލްސާ ބޭއްވި ހާލަތާއި ބޭއްވި ގޮތާއި ބޭއްވި ތަނަށް ބަލާ އިރު، އެއީ ކޮން ގޮތަކުން އައި ކޮން ކަހަލަ ނިންމުމެއް ކަމާ މެދު އެއްވެސް ޝައްކެއް ނޫފެދޭ ކަމަށެވެ. އަދި އެ ގޮތަށް ޢާންމު ބޭނުމަށް ނަގާ ނަމަ ނަގަން ޖެހޭނެ ކިތަންމެ ގޯއްޗެއް މާލޭގައި އަދި ރާއްޖޭގެ އެކި ތަންތަނުގައި ހުންނާނެ ކަމަށް ސޫދު ވިދާޅުވި އެވެ. އެހެން ކަމުން އެ ގޮތަށް ކަން ކުރާ ނަމަ ގާނޫނު އަސާސީގަ އާއި ގާނޫނުގައި ބުނާ ހަމަހަމަކަން އޮންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ އާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން، ރާއްޖޭން ބޭރުގައި ހުންނަވައި އެސްއެމްއެސް މެދުވެރިކޮށް މިހާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒު މިއަދު ވިދާޅުވީ އެއްވެސް ޝައްކެއް ނެތް ގޮތުގައި، މި މައްސަލައިގައި އަމަލު ކުރަން ޖެހޭނީ ގާނޫނު އަސާސީގެ 40 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކަމަށެވެ.

އެ މާއްދާގެ ހ. ގައި ބުނަނީ "މުދާ ހޯދުމާއި މިލްކު ކުރުމާއި ވާރުތަ ކުރުމާއި ދިނުމާއި މުދަލުން މުޢާމަލާތް ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެ އެވެ،" އެމާއްދާގެ ށ. ގައި ބުނަނީ "މީސް މީހުންގެ މުދަލަކީ ނިގުޅައިގަނެގެން ވާނެ ތަކެއްޗެއް ނޫނެވެ. ފަހެ ޢާންމު ވެގެންވާ މަންފާ އަށް ޓަކައި، ގާނޫނުގައި ކަނޑައެޅި ބަޔާން ކޮށްފައިވާ ގޮތެއްގެ މަތީން، އަދި އެ ކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެ މީހެއްގެ ރުހުން ނެތި ދައުލަތަށް ނަގައިގެނެއް ނުވާނެ އެވެ. އަދި މީހެއްގެ މުދަލެއް ދައުލަތަށް ނަގާން ވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރި ފަރާތަށް ދިނުމަށް ފަހުގަ އެވެ."
އެ މާއްދާގެ ނ. ގައި ބުނަނީ، "ގާނޫނާ ޚިލާފަށް ހޯދައިފައިވާ މުދަލާއި، ދުޝްމަނުންގެ މުދާ، ބަދަލު ދިނުމަކާ ނުލައި ދައުލަތަށް ނެގުމަށް ހުކުމް ކުރުމުގެ ބާރު ކޯޓު ތަކަށް ލިބިދޭ ފަދަ ގާނޫނެއް ހެދުމަކަށް މި މާއްދާގެ އެއްވެސް ބައެއް ހުރަހެއް ނާޅަ އެވެ."

އަދި އެ މާއްދާގެ ރ. ގައި ބުނަނީ، "މީހަކު ކުރި ކުށެއްގެ ބަދަލުގައި އެ މީހެއްގެ މުދާ ދައުލަތަށް ހިފައިގެނެއް ނުވާނެ އެވެ."

މުއިއްޒުގެ އެސްއެމްއެސް ގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، މި މައްސަލައިގައި ސިޓީ ކައުންސިލުން ނިންމި ނިންމުމުގެ ފުރިހަމަ ތަފުސީލެއް އެމަނިކުފާނަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކިނބިގަސްދޮށުގޭ ގޯއްޗަކީ ކުރިން ވަގުފު ގޯއްޗެކެވެ. )ވަގުފު ގޯއްޗަކީ އެ ބައެއްގެ ދަރިކޮޅަށް ދެމިގެންދާ ގޮތަށް ދިރއުޅެން ލިބޭ ގޯއްޗެކެވެ.( އެހެން ނަމަވެސް، މަރުހޫމް އިބްރާހީމް ނާސިރުގެ ވެރިކަމުގައި މި ގޮތަށް ހުރި ވަގުފު ގޯތި ތައް ބަންޑާރަ ބިމަށް ނުވަތަ އަމިއްލަ ބިމަށް ބަދަލު ކުރުމުގެ މަސައްކަތް ތަކެއް ކުރައްވާފައިވެ އެވެ.