މިއަހަރުގެ ފަހުކޮޅު ބަނގުލަދޭޝްގައި ބޭއްވުމަށް ކުރިން ތާވަލްކޮށްފައި އޮތް 12 ވަނަ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް، އަންނަ އަހަރަށް ފަސްކުރުމުން އެ މުބާރާތުގައި ބައިވެރިވާން އިންޑިއާއިން ނިންމައިފިއެވެ.

" 2018، މޭ 1-12އަށް މުބާރާތް ބޭއްވުމަށް ސާފް ކޮމިޓީން ނިންމާފައިވާ ހުށަހެޅުމަށް އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަންގެ އެގްޒެކެޓިވް ކޮމިޓީންވަނީ އެއްބަސްވެފައި،" ބުރާސްފަތި ދުވަހު ބޭއްވި އެއިފްގެ އެކްސްކޯ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ވެއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ފަށަން ކުރީން ހަމަޖައްސާފައި ވަނީ މިއަހަރުގެ ޑިސެމްބަރު 25ގައެވެ. ނަމަވެސް އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއިން ވަނީ އެ ތާރީޚްގައި މުބާރާތް ބާއްވާނަމަ ބައިވެރި ނުވެވޭނޭކަމަށް ބުނެފައެވެ.

ބަނގުލަދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާ ބައިވެރިވާ މި މުބާރާތުގެ އެންމެ ކާމިޔާބު ކްލަބަކީ އިންޑިއާއެވެ. ޖުމުލަ 11 ފަހަރު މުބާރާތް ބާއްވާފައި ވާއިރު، އޭގެ ތެރޭން 7 ފަހަރު އިންޑިއާ ވަނީ މި މުބާރާތް ކާމިޔާބުކޮށްފައެވެ.

އިންޑިއާއިން މިފަހަރުގެ މުބާރާތުގައި ބައިވެރި ނުވެވޭނޭ ކަމަށް ކުރިން ބުނީ، މިއަހަރުގެ އޮކްޓޫބަރު 6-28އަށް ބާއްވާ ފީފާ 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އިންޑިއާ ބައިވެރިވާތީއާއި އަދި އިންޑިއަން ސުޕަރ ލީގު (އައިއެސްއެލް) ފެށުން ލަސްވުމާ ގުޅިގެންނެވެ.