ނެދަލޭންޑްސް އަށް އުފަން ޓިމޮތިއަސް އެންޓޯނިއަސް (ޓިމް) އިސްލާމްވީ މީގެ 16 ވަރަކަށް އަހަރު ކުރިންނެވެ. މިހާރު އޭނާގެ ނަމަކީ އަމީން އެވެ. މިއީ އަމީންގެ ވާހަކަ އެވެ. އޭނާ އަށް އިސްލާމްދީނުގެ ހިދާޔަތު ލިބުނު ގޮތުގެ ވާހަކައެވެ.

އަމީން އިސްލާމް ދީނަށް ޝައުގުވެރިވީ އޭނާ ކޮލެޖަށް ދާން ފެށި އަހަރު އެވެ. އޭރު އޭނާގެ އުމުރުން 17 އަހަރެވެ. އެ ކޮލެޖުގައި ގިނަ އަދަދެއްގެ މުސްލިމް ދަރިވަރުން ދިޔައީ ތައުލީމު ހާސިލް ކުރަމުންނެވެ.

ކޮލެޖުގައި ކިޔަވަމުން ދިޔަ ބައެއް މުސްލިމް ދަރިވަރުންގެ އެދުމުގެ މަތިން އަބްދުﷲ އަބޫ ބަކުރު ކިޔާ މީހަކާ އަމީން ބައްދަލު ކުރި އެވެ. ދެމީހުން ފުރަތަމަ ދިމާވީ ބަސް ދަތުރެއްގެ ތެރެއިންނެވެ. ކަން ދިމާކުރި ގޮތުން ދެމީހުން ދިރިއުޅެނީ ވަރަށް ކައިރީގައެވެ. އެހިސާބުން ދެމީހުންގެ ދެމެދު އެކުވެރިކަމެއް އުފެދި އިސްލާމް ދީނާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފެށި އެވެ. އަމީން އިސްލާމް ދީނުގެ ކަންކަން ދަސްކުރަމުން ދިޔައީ އަބޫ ބަކުރުގެ ގާތުންނެވެ.

އެ އަހަރުގެ ރަމަޟާން މަސް މުސްލިމުންނާ ބައްދަލު ކުރީ ކޮލެޖުގެ ކިޔެވުން ކުރިއަށް ދިޔަ ދުވަސްވަރެއްގައެވެ. އިސްލާމް ދީނަށް ޝައުގު ވެރިކަން ހުރި މިންވަރުން އަމީން އެ އަހަރުގެ ރޯދަ މަހު ވަނީ ރޯދަ ހިފައިފައެވެ. އޭނާ އަކީ އޭރު މުސްލިމެއް ނޫނެވެ. އެހެން ކަމުން ނަމާދުކޮށް އެހެން އަޅުކަންތަކެއް ނުކުރެ އެވެ. ފަޖުރުން ފެށިގެން އިރު އޮއްސުމާ ހަމައަށް ނުކައި ރޯދައަށް ހުރީ އެވެ.

ރޯދަ ހިފުމުގެ ސަބަބުން އޭނާގެ ރޫޙަށް ތާޒާ ކަމެއް ލިބިގެން ދިޔައެވެ. އަދި އެއް މަސް ވަންދެން ދުވާލު ނުކައި ހުރެވިއްޖެ ނަމަ، ރަލާއި އެހެނިހެން ނުބައި ކަންތައްތަކުން ނަފްސު ތާހިރު ކުރުމަކީ އުނދަގޫ ކަމެއް ނޫން ކަން ވިސްނުނެވެ.

އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އޭނާގެ ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރަން ފެށުމާ އެކު، އިސްލާމް ދީނުގައި ހަރާމް ކަންތައްތަކާ އޭނާ ދުރުވާން ފެށިއެވެ. ރަލާއި، އޫރު މަސް ދެކެ ފަކުރު ގަންނަން ފެށި އެވެ. އޭގެ ފަހުން ޖެހިގެން އައި ހަތަރު އަހަރު ވެސް އަމީން ވަނީ މުސްލިމުންނާ އެކު ރަމަޟާން މަހުގެ ރޯދަ ހިފައިފައެވެ.

އިސްލާމް ދީނުގައި ސާފުތާހިރު ކަމަށް ދީފައިވާ އަހަންމިއްޔަތު ކަމަކީ އިސްލާމް ދީނަށް އަމީންގެ ހިތުގައި އޮތް ލޯބި އިތުރުވެގެން ދިޔަ ކަމަކަށެވެ. އަސްލު ސާފުތާހިރު ކަމަކީ ކޮބައިކަން އަމީން އަށް ދަސްކޮށްދިނީ އޭނާގެ މުސްލިމް އެކުވެރިންނެވެ. ކޮންމެ ނަމާދެއްގެ ކުރިން މުސްލިމުން ވުޞޫއު ކުރެ އެވެ. ދެމަފިރިކަމުގެ ގުޅުމަށް ފަހު، އަދި ޙައިޞު ނިފާސްކަމުން ތާހިރު ވުމަށް މުސްލިމުން ހިނައިގަނެ އެވެ.

މިއީ އޭނާއަށް އިސްލާމް ދީނާ ގުޅޭގޮތުން ކުރިން ނޭނގޭ ކަންކަމެވެ. އިސްލާމް ދީނަކީ ސާފުތާހިރު ކަމުގެ ދީން ކަން އޭނާ ގަބޫލު ކުރި އެވެ. އަމީން ދިޔައީ އޭރު ވެސް އިސްލާމް ދީނުގެ ކަންކަން ދަސްކުރަމުންނެވެ. އޭނާ އަކީ އަދި މުސްލިމެއް ނޫނެވެ.

އެއް ރެޔަކު ކޮލެޖުގައި އުޅޭ ބައެއް ކުދިންނާ އެކު އަމީން ޕަބް އަކަށް ދިޔައެވެ. އެތަނަށް ވަނުމާ އެކު ވެސް އަމީން ނުތަނަވަސްވި އެވެ. އޭގެ ގަޑިއެއްހާ އިރު ކުރިން، އަމީން ވަނީ އަބޫ ބަކުރު އާއެކު އާޚިރަތުގެ ވާހަކަތައް ދައްކައިފައެވެ. މިހާރު އޭނާއަށް ހުރެވުނީ މަސްތުވެ މީހުން ނަށަމުން ދިޔަ ތަނެއްގައެވެ.

އެތަނުގެ ތެރޭގައި ހުރި އިރު އޭނާއަށް ފާފައެއް ކުރެވޭ ފަދަ އިޙްސާސެއް ކުރެވެން ފެށި އެވެ. ނޭވާލާން އުނދަގޫވެ މީހާ ހާސްވާން ފެށި އެވެ. އެ ހިސާބުން އަމީން ނިންމީ އެތަނުން ނުކުމެ އަވަހަށް ގެއަށް ދިއުމަށެވެ. ދޮރު ހުޅުވާލައި ބޭރަށް ނުކުތް ވަގުތު އޭނާއަށް ހަމަ ނޭވާ ލެވެން ފެށި އެވެ. ކުރީގެ ވިޔާނުދާ ދިރިއުޅުމާ ވަކިވި ފަދައެވެ. ދެން ދުވަހަކު ވެސް އެފަދަ ދޮރަކުން އެތެރެއަށް ވަންނާކަށް އޭނާ ބޭނުމެއް ނުވި އެވެ.

އޭރު ގަޑިން މެންދަމު ތިނެއް ޖަހައި ބޮޑުވެއްޖެ އެވެ. އަމީން ބޭނުންވީ އަބޫ ބަކުރާއި ބައްދަލު ކުރާށެވެ. އޭނާ އިސްލާމް ވާން ބޭނުމެވެ. އަބޫ ބަކުރަކީ ނިދަން އޮށޯންނަމުން އޭނާގެ ފޯނު ނިއްވާލާ މީހެކެވެ. ނަމަވެސް ﷲގެ އިރާދަފުޅެވެ. އެ ރޭ އަބޫ ބަކުރުގެ ފޯނު އޮތީ ނިވާލާފައެއް ނޫނެވެ. އިސްލާމް ވާން ބޭނުން ވާހަކަ އަމީން ގުޅާފައި ބުނުމުން، ދެމީހުން ބައްދަލުވީ އެ ގަޑީގައި އަމީންގެ ގެއިންނެވެ.

އެ ރޭ އަބޫ ބަކުރު އަމީން އާއި ބައްދަލު ކުރީ ބޮޑު ހިނިތުންވުމަކާ އެކު އެވެ. ދެމީހުން އެކުގައި ތިބެ އަމީން ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމް ވީ އެވެ. ދެމީހުން ބައްދާލައި މުސްލިމުންގެ ސަލާމް ކުރި އެވެ.

މިއަދު އަމީން އަކީ ކޮންމެ ދުވަހަކު ފަސް ނަމާދު ކުރާ، ރަމަޟާން މަހު ރޯދަ ހިފާ އަދި ސުންނަތްތައް އަދާކުރާ މުސްލިމް އަޅެކެވެ. އަމީންގެ ދުއާ އަކީ އޭނާއަށް ސައުދީ އަރަބިއްޔާއަށް ހިޖުރަކޮށް، މަދީނާގެ އިސްލާމިކް ޔުނިވާސިޓީއިން އިސްލާމީ ތައުލީމު އުނގެނުމުގެ ފުރުސަތު ލިބުމެވެ.