14 Jul 2011, 14:14
ފުރަން ތައްޔާރުވެފައި އޮތް އެއާ އިންޑިޔާގެ ބޯޓަކުން ވެރިއަކު ނެތް މޯބައިލް ފޯނެއް ފެނުމާ ގުޅިގެން ބޯޓުން ފަސިންޖަރުން ބާލައި ސިފައިން ބޯޓު ތެރެ އާއި މީހުން ފާސް ކޮށްފި އެވެ.
އެމްއެންޑީއެފްގެ މޭޖާ އަބުދުއްރަހީމް ވިދާޅުވީ މިއަދު މެންދުރު ބެންގަލޫރަށް އުދުހެން އޮތް ފުލައިޓުން މީހުން ބާލައި ފާސް ކުރަން ޖެހުނީ ވެރިއަކު ނެތް ފޯނެއް ފުލައިޓްގެ ތެރެއިން ފެނުމާ ގުޅިގެން ޕައިލެޓް އެކަން ރިޕޯޓު ކުރުމާ ގުޅިގެން ކަމަށެވެ. އަބްދުއް ރަހީމް ވިދާޅުވީ ހުއްޓުވި ބޯޓާއި ފަސިންޖަރުން ޗެކް ކުރިއިރު އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އަދި ބުނީ ބޯޓު ފުރުމުގެ ހުއްދަދީފައިވާ ކަމަށެވެ.
އަބުދުއްރަހީމް ވިދާޅުވީ ބޯޓު ތެރެއިން ފެނުނު ފޯނުގެ ވެރިފަރާތް އަދިވެސް ނޭނގޭ ކަމަށާއި އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް އެ ފޯނު ވެސް ގެންގޮސްފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން މި ބަލަނީ އެއީ ކޮންމެވެސް ފަސިންޖަރެއްގެ ފޯނެއް ކަމަށް. އޭގެއިން އެއްވެސް ގެއްލުމެއް ނެތް. އެހެންވީމަ އެއާޕޯޓާ ހަވާލު ކުރާނީ،" އަބުދުއްރަހީމް ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ބޯޓު ތެރެއިން ފެނިފައި ވަނީ އައިފޯނެކެވެ.
އެއާ އިންޑިޔާގެ ފްލައިޓްގެ ސެކިއުރިޓީ ޗެކިން އެއް ކުރިޔަށް ގެންދިއަކަން ޖީއެމްއާރުން އިން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މީގެ ފަސްމަސް ކުރިން ވަނީ މާލެ އިން ލަންކާ މަގުން ލަންޑަނަށް ދަތުރު ކުރުމަށް ތައްޔާރުވެފައި އޮތް ބޯޓެއްގެ ތެރެއިން ބޮމެއް ފެނުނު ކަމަށް އެ ބޯޓުގައި އިން ބިދޭސީ ފަސިންޖަރަކު ބުނުމާ ގުޅިގެން އެންމެންޑީއެފުން އެ ބޯޓު ތެރެ ވެސް ޗެކްކޮށްފަ އެވެ.
ނަމަވެސް އެފަދަ އެއްވެސް އެއްޗެއް ބޯޓު ތެރެއިން ނުފެނުމާ ގުޅިގެން ފަސިންޖަރު ބަހައްޓާފައި ބޯޓު ވަނީ އެދުވަހު ނައްޓާލާފަ އެވެ.