އެއްލައްކަ ރުފިޔާގެ އަގުހުރި ސުޒުކީ އައުޓްބޯޑު އިންޖީނެއް އިނާމަކަށް ލިބޭ ޕްރޮމޯޝަނެއް އެމްޓީސީސީން ފަށައިފިއެވެ.

ްއެމްޓީސީސީގެ ކަށަވަރު ޝޯރޫމްގައި މިއަދު އޮތް ޕްރެސް ބްރީފިންގްއެއްގައި، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އަދުހަމް ވިދާޅުވީ، މިއަދުން ފެށިގެން އަންނަ ޖުލައި މަސް ނިމެންދެން ކުރިޔަށް ގެންދާ ޕްރޮމޯޝަނުގައި، ގިނަ ޕްރޮޑަކްޓްތަކެއް ޑިސްކައުންޓް އަގުތަކުގައި ލިބެން ހުންނާނެ ކަމަށެވެ.

"ޔަންމާ ސްޕެއާތަކާއި، ޔަންމާ އަޑީތެޔޮ އަދި ސުޒުކީގެ 150، 175، 200، 225 އަދި 250 ހޯސްޕަވަރުގެ އައުޓްބޯޑު އިންޖީނުތަކުން ޑިސްކައުންޓް ދެވޭނެ. ގާތްގަނޑަކަށް ހަ ޕަސަންޓާއި 25 ޕަސަންޓާ ދެމެދުގެ ޑިސްކައުންޓް ލިބޭނެ،" އަދުހަމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިސްމާއިލް އަދުހަމް މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ޕްރޮމޯޝަން ހިނގަމުންދާ މުއްދަތުގައި އެމްޓީސީސީ ކަށަވަރު ޝޯރޫމުން ކުރާ ކޮންމެ 5،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕްރޮމޯޝަން ނިމުމުން ނަސީބުވެރިއެއް ހޮވާ އިރު، ގުރުއަތުން ހޮވޭ ނަސީބުވެރިޔާއަށް 25 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑު އިންޖީނެއް، އިނާމުގެ ގޮތުގައި ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"މި ޕްރޮމޯޝަނަކީ ސުޒުކީ، ޔަންމާ، އަދި އެމްޓީސީސީން ވިއްކާ އިންޖީނުތަކާއި ސްޕެއާތައް ބޭނުންކުރާ ފަރާތްތަކަށް ވަރަށް އަގުހުރި ޕްރޮމޯޝަނަކަށް ވާނެ،" އޭނާ ވިދާޅުވިއެވެ.